"ސަންރައިޒް" ބަލަން ހުއްޓާ ހައްޔަރުކުރި މީހަކު، ފުލުހުންގެ ބޯޑަށް ލުމަކީ މުއައްސަސާއަށް ކުރެވޭ މަލާމާތެއް ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާލުވެއްޖެއެވެ.

ޕޮލިސް ބޯޑަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރުގެ ނަން ހިމެނުމަށް ފޮނުވުމާއި ގުޅިގެން ހައިލަމް ވިދާޅުވީ ފުލުހުންގެ އިދާރާ ރިފޯމް ކުރުމުގެ ނަމުގައި، ހައްޔަރުކުރެވުނު މީހަކު، ފުލުހުންގެ ބޯޑަށް އައްޔަންކުރުމަކީ އެމުއައްސަސާއަށް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް ކަމަށެވެ.

ހައިލަމް އެފަދައިން ވިދާޅުވެފައި ވަނީ ހާމިދު އަބްދުލްޣަފޫރަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ފުލުހުންނަށް ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެއްދެވި ފަރާތަކަށްވާތީއެވެ.

ހދ. ހޮޑައިދޫގައި މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތަށް ކުޑަކަމުދާތަކެތި ނުދީގެން ހާމިދުގެ މައްޗަށް އޭރު ދައުވާ ވެސް ކުރިއެވެ. އެމައްސަލައިގައި އޭނާއަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހައިކޯޓުން ވަނީ ފަހުން އެ ހުކުމް ބާތިލް ކޮށްފައެވެ.

ޕޮލިސް ބޯޑަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރުގެ ނަން ހިމެނުމަށް ފޮނުވުމާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

ހާމިދުގެ ނަމާއެކު އެ ބޯޑަށް އައްޔަނު ކުރުމަށް އިތުރު ތިން ނަމެއް ފޮނުވާފައި ވެއެވެ.

ޕޮލިސް ބޯޑަށް ފޮނުވި ނަންތައް:

  • ލަބީގު މުހައްމަދު މާހިރު / މ.މަނަދޫ ވިއު
  • ޒުބައިރު އަހުމަދު މަނިކު / ގ.މަލްވިނަ
  • ޒީނަތު އަލީ / ދަފްތަރު 2616
  • އަލީ މުހައްމަދު މަނިކު / ދަފްތަރު 1851
  • ހާމިދު އަބްދުލްޣަފޫރު / ހ.ޝޭޑީ ކޯނާ

ޕޮލިސް ބޯޑަށް ކުރިމަތި ލި ފަސް ފާރާތުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވުމަށް ފަހު އެ ނަންތައް ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.