'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މި ހަފްތާ ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މި މަހުގެ 13 ވަނަ ދުވަހު ބުނީ، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އެއް ހަފްތާ ފަހުން އާންމުކުރެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް ދާއިމީ ލިސްޓު އާންމުކުރާނެ ސީދާ ތާރީހެއް ހައުސިން މިނިސްޓްރީން އޭރު ނުބުނެއެވެ.

ހަމަ އެހެންމެ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތަށް އެ މިނިސްޓްރީން ބަލަމުން ގެންދާ ކަމަށާއި، ޝަކުވާތައް ބެލުމަށްފަހު ސްޓޭޓަސަށް އައި ބަދަލު ޕޯޓަލުން މިހާރު ފެންނަން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން އޭރު ބުންޏެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ

މިދިޔަ މަހުގެ އަށްވަނަ ދުވަހު ވަގުތީ ލިސްޓް އާންމުކޮށް، ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން އޭރު ބުނީ، 'ގެދޮރުވެރިޔާ'ގެ ދަށުން ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު ޕޯޓަލަށް ހުށަހެޅިއިރު ވެފައިވާ އިގުރާރުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓުތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.

ދާދިފަހުން ސަރުކާރުން ވަނީ އުތުރު ތިލަފަޅުން 4،000 ގޯތި ދޫކުރަން ނިންމައި، 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ސަރުކާރުން އެ ފުރުސަތު ހުޅުވާލާފައި ވަނީ 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށް، އިއްޔެއިން ފެށިގެން އަންނަ މަހުގެ 24 ގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް ފޯމު ހުށަހަޅާ ގޮތަށެވެ.