އެސްއީޒެޑް ގާނޫނު ހަރުދަނާކޮށް، ފަސް އަހަރުން ބިލިއަނެއް އިތުރު ކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިރޭ މީރުމާގައި ބޭއްވި "އިގްތިސޯދީ މެނިފެސްޓޯ" ލޯންޗު ކުރުމުގެ ހަފްލާގައެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަސްދީގުކުރި އެސްއީޒެޑްގެ ގާނޫނުގެ ބޭނުން ނުކުރާ ކަމަށާއި އެސްއީޒެޑްގެ ގާނޫނުގެ ދަށުން ޒޯންތަކެއް ކަނޑައަޅާ އޭގެ ދަށުން އިންވެސްމަންޓްތައް ގެނައުމަށް ފުރުސަތު ހުޅުވާލުމަކީ އިގްތިސޯދަށް އޭގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެެވެ. އަދި އެ ގާނޫނުގެ ފުރިހަމަ ފޮނި މީރުކަން މި ރާއްޖެއަށް ލިބޭނެ ގޮތް ހެދުމަށް ހުށަހަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭގެ ދަށުން ފައިނޭންޝަލް ސާވިސަސް ދާއިރާއިންނާއި ކޮމޯޑިޓީ ޓްރައިނިންނާއި އައިޓީ ޕާކުތަކާއި ހެލްތް ޓޫރިޒަމަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި ކަނޑައެޅޭ އެކި އެކި ސަރަހައްދުތަކުގައި އެސްއީޒެޑްގެ ދަށުން ޒޯންތަކެއް އުފެއްދުމަށްޓަކައި ހުޅުވާލައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓްޓިއުޝަނެއް ނުވަތަ އިންވެސްޓްމަންޓް ބޭންކެއް ރާއްޖޭގައި ގާއިމު ކުރައްވައި އެ ބޭންކް މެދުވެރިކޮށް ރިސޯޓްތައް ހެދުމަށާއި އެހެނިހެން އިންވެސްޓްމެންޓްތައް ވެސް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ އެކި ކަހަލަ ވިޔަފާރިތަކަށް އެ ބޭންކުގެ ބޭނުން ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށާއި ރާއްޖޭގެ އިންޑަސްޓްރީތަކަށް އެ ބޭންކުގެ ބޭނުން ހިފިގެންދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި އަމިއްލަ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް، ކްރިއޭޓާ އިކޮނޮމީއެއް ގާއިމު ކުރުމަށްޓަކައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއަށް ވަދެ އެކައުންޓްތައް ކްރިއޭޓްކޮށް، އަމިއްލައަށް ތަކެތި ވިއްކާ ފަސޭހައިން ފައިސާ ފޮނުވާ އަދި ލިބޭނެ ގޮތެއް ވެސް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި ފުދުންތެރި ރައްޔިތަކަށް ވާން ބޭނުންވާ ކޮންމެ ފަރާތަކަށް އޭނާގެ ސަރުކާރެއްގައި އެ ފުރުސަތު ފަހިވެގެެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.