ބިން ވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހިން ގޯތި އަދި ފްލެޓް ދޫކުރަން ހަމަޖެހިފައިވާ ތަން ކަމަށް ބުނާ ގިރާވަރު އުތުރު ފަޅަށް ރަސްމީކޮށް ކިޔާ އުޅެނީ އުތުރު ތިލަފަޅު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާލެއިން ގޯއްޗާއި ފްލެޓް ދޫކުރާ ދެވަނަ ފިޔަވައްސަށް ހުޅުވާލާނެ ކަމަށާއި އަދި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަން ދިނުމަށް ހަމަޖެހިފައި ވަނީ އުތުރު ތިލަފަޅުން ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ގިރާވަރާ ހަމައަށް ބްރިޖަކުން ގުޅާލާ ގޮތަށް ބުނެފައި އޮތް ނަމަވެސް ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ގިރާވަރުފަޅުން އުތުރު ތިލަފަލާ ހަމައަށް ބްރިޖުން ގުޅާލަން ނިންމާވާފައިވާ ކަން ހާމަ ކުރައްވާފައެވެ.

މިއާ އެކު ގިނަ ބަޔަކު އަންނަނީ އެމްއެންޑީއެފްގެ އެކަތަ ހާބަރު އަޅަމުން އަންނަ އުތުރު ތިލަފަޅުން ގޯތި ދެނީ ކަމަށް ބުނެ ސުވާލު އުފައްދަމުންނެވެ. މި ސުވާލު އުފެދިގެން ދިޔައީ ހައުސިން މިނިސްޓްރީން އެ ސްކީމަށް ހުޅުވާލައި ނެރުނު ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލުގައި، ގޯއްޗާއި ފްލެޓް ދޫކުރާނީ ގިރާވަރު އުތުރު ފަޅުން ކަމަށް ބުނެފައި އޮތުމުންނެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ، ގިރާވަރު އުތުރު ފަޅު ކަމަށް ބުނާ އެ ސަރަހައްދަށް ކިޔާ ރަސްމީ ނަމަކީ އުތުރު ތިލަފަޅު ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް ދޫކުރާ ސަރަހައްދު އެނގޭނެ ގޮތަށް މެޕެއް ހިއްސާ ކުރައްވާފައެވެ. އުތުރު ތިލަފަޅުގެ އެ ސަރަހައްދަކީ އެމްއެންޑީއެފް ހާބަރުގެ އުތުރުން އޮތް ސަރަހައްދެވެ. އެއީ އަދި އެކީއެކަށް ހިއްކާފައިވާ ސަރަހައްދެއް ނޫނެވެ.

ބެލެވޭ ގޮތުގައި މި ސްކީމްގެ ގޯތި ދިނުމުގެ ކަންކަން ނިމެންވާ އިރަށް އަކްރަމް ކުރެއްވި ޕޯސްޓުން ފެންނަ ސަރަހައްދަކީ ގޯއްޗާއި ފްލެޓް ދިނުމަށް އެއްކޮށް ހިއްކައި ނިންމާނެ ސަރަހައްދެވެ. އެ ސަރަހައްދުން 215 ހެކްޓަރުގެ ބިމަކީ ގޯއްޗާއި ފްލެޓް ދިނުމަށް ހާއްސަ ކޮށްފަިއވާ ސަރަހައްދު ކަމަށް އެ މެޕުގައި ޖަހާފައި ވެއެވެ.

މި ސްކީމްގައި މިހާތަނަށް 4000 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.