ރިޔާސީ އިންތިހާބުގެ ފަހު ގޮތް ނިންމާ ބުރަށް ކުޑަތަން ވެފައި ވާއިރު އެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި ސަޕޯޓަރުންގެ ޕޯކަސް ވަނީ ބޮޑެތި ރަށްތަކާއި ސިޓީތަކަށެވެ. ބޮޑެތި ރަށްތަކާއި ސިޓީތަކުގެ ތާއީދު ނުހޯދާ ވެރިކަމަށް އާދެވުމަކީ ވާނެ ކަމަކަށް ނުވާއިރު އެ ތަންތަނަކީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިގެންވާ 282،804 މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް ޝާމިލުވާ ތަންތަނެވެ.

އެގޮތުން މާލެއިން ބޭރުން ފުވައްމުލަކާއި ތިނަދޫއާއި ކުޅުދުއްފުށި އަދި އައްޑޫ ސިޓީއަކީ ވެރިއަކު ގެންނަން ގޮތް ނިންމުމުގައި އެންމެ މުހިއްމު ދައުރު އަދާކުރާ ތަންތަނަށް ވާއިރު މާދަމާ ބާއްވާ އިންތިހާބަށް ދެ ކެންޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވެސް އެ ސަރަހައްދުތަކުގެ ނަތީޖާއަށް ވަރަށް އުންމީދު ކުރައްވައެވެ. އިންތިހާބުގެ ކެމްޕެއިންގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައިވެސް ދެ ކެންޑިޑޭޓުންވެސް ވަޑައިގެންފައި ވަނީ ދެކުނުގެ ސިޓީތަކަށެވެ.

ތިނަދޫ ސިޓީ: އުންމީދަކީ ސިޓީއެއްގެ ކުލަ ޖައްސައިދިނުން!

3,637 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ތިނަދޫ ސިޓީއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު މެޖޯރިޓީ ހޯއްދަވާފައި ވަނީ 1229 މީހުންގެ ވޯޓާއެކުގައެވެ. އެއީ 48.93 ޕަސެންޓެވެ. އެ ބުރުގައި ތިނަދޫގެ ވޯޓުލެވޭ އާބާދީގެ 22.7 ޕަސެންޓް މީހުން ވޯޓުލާފައި ނުވާއިރު އެ މީހުން ވޯޓުލައިފިނަމަ ނަތީޖާ ބަދަލުވެދާނެ ކަމާމެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެެ. ޑރ. މުއިއްޒު އެ ރަށަށް ވަޑައިގަތުމުން ބޮޑު ތާއީދަކާއި ތަރުހީބެއް އޮތްކަން ވަނީ ފެނިގެން ގޮސްފައެވެ.

މި ބުރުގައި ތިނަދޫއިން ބޮޑު ޕަސެންޓެއް އަދި ފަސޭހަކަމާއެކު ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

އެ މީހުން ފާހަގަ ކުރަމުން ދިޔައީ މި ސަރުކާރުން ތިނަދޫއަށް އަދި އެ ރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީފައި ނުވާ ކަމަށެވެ. އެގޮތުން ތިނަދޫ ކައިރީގައި އޮންނަ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުން ފަދަ ވައުދުތައް ފުއްދައިދީފައި ނުވާ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ. އެހެންނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި ކާޑެއްދޫއާ ދެމެދު ބްރިޖް އަޅައްވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެން އެ ކަމަކީ ވާނެ ކަމެއް ކަމަށް އެ ރަށުގެ މީހުން ގަބޫލު ކުރެއެވެ.

އިދިކޮޅު ޕީއެންސީ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތިނަދޫގައި ބޭއްވި ޖަލްސާގައި/ ފޮޓޯ: ޕީޕީއެމް

މި ކެމްޕެއިންގެ ތެރޭގައި ޑރ. މުއިއްޒު ތިނަދޫއަށް ވަޑައިގެން ސިޓީއެއްގެ ކުލަ ޖެހިފައިވާ ތަނަކަށް ތިނަދޫ ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ރައީސް ސޯލިހު ވަނީ ތިނަދުއަށް ވަޑައިގެން ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ. އެ ސިޓީގެ ރައްޔިތުން ބުނަމުން ދަނީ ނަމެއްގައި ސިޓިއެއްގެ ދަރަޖަ ބޭނުން ނުވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

ތިނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވެ، ހިދުމަތް ހޯދަން ފުރައިގެންދާން ޖެހުމެވެ. ހޮސްޕިޓަލު ހިންގަން މުހިއްމު މަގާމުތަކުގައި އެކަށީގެން ނުވާ މީހުން ތިބުމަކީވެސް އެ ރަށުގެ މީހުންގެ ކަންބޮޑުވުމެކެވެ. އެފަދަ މުހިއްމު ހިދުމަތްތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި އިސްރާފްވާ ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ބުނެއެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ތިނަދޫ ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް

މުއިއްޒުގެ ވެރިކަމަށް ތިނަދޫގެ ރައްޔިތުން ގިނަ އުއްމީދުތަކެއް ކުރާ އިރު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުން ސިޓީގެ ދަރަޖަ ދިނަސް ތިނަދޫއަށް ބޭނުންވާ ކަންކަން ފުރިހަމަނުވާ ކަމަށެވެ. އެހެން ކަމުން ކަންކަން ފުރިހަމަ ވެފައިވާ ސިޓީއަކަށް ތިނަދޫ ހައްދަވާނީ އޭނާ ކަމަށް ވިދާޅުވިއެވެެ.

ތިނަދޫ މީހުން ބުނާ ގޮތުގައި ސިޓީއަކަށް ވާން ޖެހޭނީ ބުނެލާ ބަހަކުން އަދި ދަރަޖައަކުން ނޫން ކަމަށާއި ހަގީގީ މާނާގައި ސިޓީއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެކަން ކޮށްދެއްވާނެ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް ވެސް އެ މީހުން ބުނެއެވެ.

އިތުރަށް އެ ރައްޔިތުން ބުނީ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓުގެ އިތުރުން މާ ގިނަ ވޯޓެއް މި ފަހަރު ލިބިވަޑައިގެންފާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި ވޯޓު ނުލާ އާބާދީ ބޮޑު ރަށަކަށް ވުމުން ސަރުކާރުން ނަހަމަގޮތުގައި ރިސޯސަސް ބޭނުން ކޮށްގެން ފުދޭވަރަކަށް ގިނަ ވޯޓު ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ތުހުމަތު ކުރެއެވެ.

ފުވައްމުލަކުން ޒުވާނުން ބުނަނީ މި ވެރިކަން ކަމު ނުދާ ކަމަށް، ބޭނުންވަނީ މުއިއްޒު ފަދަ ލީޑަރެއް ކަމަށް!

3049 މީހުންގެ ވޯޓާއެކު މުއިއްޒަށް މެޖޯރިޓީ ހޯދައިދިން ފުވައްމުލަކަށް މުއިއްޒު ވަޑައިގަތުމުން ފެނިގެން ދިޔައީ އޮތް ބޮޑު ތާއީދެވެ. މަރުހަބާ ކިޔަން ނިކުތް އަދަދު ގިނަވެ، ކޮޅާކޮޅު ނުފެންނަ ވަރަށް ދަމާލާފައި ވަނީ އެއް ސަފު ދެސަފެެއް ނޫނެވެ. އެތައް ސަފެކެވެ. ޒުވާން ގިނަ މޫނުތަކެއް އެތަނުން ފެނުނުއިރު އެއިން ކޮންމެ ޒުވާނެއްގެ އުންމީދުވެސް ވަރަށް ބޮޑެވެ.

ފުވައްމުލަކު ޒުވާނުން ބުނީ ރައީސް ސޯލިހުގެ ވެރިކަން ރަނގަޅު ނޫން ކަމަށާއި އެ މީހުންގެ އުންމީދުތަކުގައި "ކޮޅުފައިން" ޖަހާފައިވާ ކަމަށެވެ. އަދި އެންމެ އުންމީދުކުރަނީ ރަނގަޅު ވެރިކަމަކަށް ކަމަށާއި ޒުވާނުން ބޭނުންވާ ފަދަ ވެރިއަކަށް އަދި ލީޑަރަކަށްވެސް ވާނީ މުއިއްޒު ކަމަށެވެ.

މުއިއްޒުގެ ތައުލީމީ ގާބިލު ކަމަށާއި އިހުލާސްތެރިކަމުގެ އިތުރުން ދީނަށް ލޯބިކުރުމުގެ ސިފައަކީ މުއިއްޒަށް ތާއީދު ކުރަން ނިންމި ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދާއިރު ފުވައްމުލަކުގެ މީހުންވެސް ބުނަމުން ދިޔައީ މި ވެރިކަމުގައި ދީނީ ކަންކަމަށް އަހަންމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ. އަދި ލާދީނީ ކަންކަމަށް ހިތްވަރުދީ، ދީނަށް ފުރައްސާރަކުރާ މީހުންވެސް ސަރުކާރުގެ ވަޒީފާތަކުގައި ތިބެ، އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

އިދިކޮޅު ޕީއެންސީ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ފުވައްމުލަކު ސިޓީގެ ޖަލްސާ/ ފޮޓޯ: ޕީޕީއެމް

ފުވައްމުލަކުގެ ރައްޔިތުން ބުނަނީ އެ ސިޓީގައި ކޮންމެ ވެރިކަމެއްގައި ވެސް ކޮންމެވެސް ވަރަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި ތަރައްގީއަކީ އެންމެ ފުރަތަމަ ބޭނުންވާ ކަމަކަށް އެ މީހުން ނުހަދާނެ ކަމަށެވެ. ފުރަތަމަ ބޭނުމީ ދީނާއި ގައުމު ކަމަށާއި މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުން ކަމަށް ފުވައްމުލަކުން ބުނެއެވެ.

ދީނާއި ގައުމު ހިމާޔަތް ކުރުމަށްފަހު ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ފުވައްމުލަކު ރައްޔިތުން ބޭނުން ވެފައިވާ ތަރައްގީ އެންމެ ހިތްހަމަ ޖެހޭ ގޮތަށް ކުރިއަށް ގެންދިއުމަކީ އެ ރަށުގެ ރައްޔިތުންގެ އުންމީދެވެ. އަދި ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވާކަން ފާހަގަކޮށް އެ ރަށުގެ މީހުން ވަނީ މުއިއްޒު ވިދާޅުވާ ކޮންމެ ކަމެއްވެސް އެގޮތަކަށް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.

8282 މީހަކަށް ވޯޓުލުމުގެ ހައްގު ފުވައްމުލަކުން ލިބޭއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 82.5 ޕަސެންޓް މީހުން ވޯޓުލާފައިވެއެވެ. އެހެންނަމަވެސް ވޯޓުލާ އާބާދީ އިތުރު ކުރެވިދާނެ ކަމަށާއި ބޮޑު ފަރަގަކުން މުއިއްޒު ވެރިކަމަށް ގެނައުމަކީ ފުވައްމުލަކުގެ ރައްޔިތުންގެ އަޒުމެވެ. ޕަސެންޓޭޖުން ނޭނގުނު ކަމުގައި ވިޔަސް ބޮޑު ފަރަގަކުން މި އިންތިހާބުގައި މުއިއްޒު ފުވައްމުލަކުން މެޖޯރިޓީ ނަގާނެކަން ފެނި ހާމަވެގެން ދެއެވެ.

ކުޅުދުއްފުށި ސިޓީ: ސަޕޯޓަރުންގެ އުންމީދު ގުޅިފައިވަނީ މިނިސްޓަރު ކަމުގައި މުއިއްޒު ދެއްކެވި ނަމޫނާއާ!

"އަޅުގަނޑުމެން މިބުނަނީ މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެއޭ" އުމުރުން 55 އަހަރުގެ ކުޅުދުއްފުށި ސިޓީގެ އަންހެނަކު ބުނީ މިހެންނެވެ.

ދެން އެ މީހާ ދައްކަމުން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ގައުމަށާއި ކުޅުދުއްފުށި ސިޓީއަށް ގެނެސްދިން ތަރައްގީގެ ވާހަކަތެކެވެ. އޭރު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި މިންނެތް މަސައްކަތުގެ ވާހަކައެވެ. އެއަށްފަހު އަޅާކިޔަމުން ދިޔައީ މި ސަރުކާރުން ނުފުއްދާހުރި ކަންކަމުގެ ވާހަކައެކެވެ.

ކުޅުދުއްފުށި މީހުން ބުނީ ރައީސް ޔާމީންގެ 5 އަހަރުގައި ތަރައްގީ ކޮށްފައިވާ ކަމަށާއި މި ސަރުކާރަށް ރައީސް ޔާމީންގެ ސަރުކާރާ އަޅާ ކިޔާލެވޭވަރުވެސް ނުވާ ކަމަށާއި މީ ހަމަ "ސުމެއް" ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި ކުޅުދުއްފުށިން އެންމެ އުންމީދު ކުރަނީ އިގްތިސޯދީ ގޮތުން ރާއްޖެ ދަށަށް ގޮސްފައިވާ ވާ މިންވަރު ރަނގަޅު ކޮށް ކޮޅަށަ ޖަހައިދިނުމެވެ.

އިދިކޮޅު ޕީއެންސީ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ފުވައްމުލަކު ސިޓީގެ ޖަލްސާ/ ފޮޓޯ: ޕީޕީއެމް

މި ވެރިކަމުގައި ކުޅުދުއްފުށި ސިޓީއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި ބޮޑުތަނުން އިހުމާލު ވެފައިވާ ކަމަށް ބުނެއެވެ. ރައީސް ޔާމީން ކުޅުދުއްފުށި އެއާޕޯޓު ތަރައްގީކޮށް، ބޯޓު ޖެއްސޭ ވަރު ކޮށްލަދިން އިރު އޭގެ ފަހުން އެތަނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށް އެ ރަށުގެ މީހުން ފާހަގަ ކުރެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދަން ފަށާފައިވާ މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށާއި އެގޮތުން މަގުހެދުމުގެ މަޝްރޫއުވެސް އޮތީ އެހެން ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

ގިނަ އަދަދެއްގެ ބަޔަކު އެ ރަށުގައި ބޭއްވި ޖަލްސާގައި ތިބިއިރު ވާހަކަ ދައްކާލެވުނު ކޮންމެ މީހަކުވެސް ފާހަގަކުރަމުން ދިޔައީ މުއިއްޒުގެ ވަޒީރުކަމުގައި ބުރިޖާއި ފްލެޓާއި ހޮސްޕިޓަލު މަޝްރޫއުގެތަކުގެ ވާހަކައަށެވެ. އަދި އަށް މީހުންނާ ވާދަކޮށްގެން މުއިއްޒު އެއްލައްކަ އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައިވާ ކަމަށާއި ދެން ދެވަނަ ބުރެއް ބާއްވާކަށްވެސް ނުޖެހޭ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

ކުޅުދުއްފުށި ސިޓީ ތަރައްގީވެ، އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަކީ އެ ސަރަހައްދުގެ މީހުންގެ އުންމީދަކަށް ވާއިރު ދުރު ސަރަހައްދުތަކުގައި ވަޒީފާގައި އުޅޭ ޒުވާނުންގެ އުންމީދަކީވެސް އެއީއެވެ. 46.74 ޕަސެންޓް ފުރަތަމަ ބުރުގައި ދިން ކުޅުދުއްފުށީގެ ރައްޔިތުން ބުނަނީ ދެވަނަ ބުރުގައި ބޮޑު ތަފާތުން މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް އެ ސިޓީގެ ރައްޔިތުން ތައްޔާރު ކަމަށާއި އެ ތަފާތު ދައްކާނެ ކަމަށެވެ.

ވިލިނގިލި: ޒުވާނުން ބިކަކޮށްފި، މުއިއްޒުގެ ވެރިކަމުގައި އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ކަން "ގެރެންޓީ"!

ދާދިފަހުން މުއިއްޒު ހައްދުންމައްޗަށް ކުރެއްވި ދަތުރަށްފަހު ވިލިނގިއްޔަށް ވަޑައިގެންފައި ވާއިރު އެ ރަށުން ފެނިގެން ދިޔައީ ބަދަލަކަށް ބޭނުންވެފައިވާ މިންވަރެވެ. 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އެ ރަށުން 55 ޕަސެންޓް ދީގެން ރައީސް ސޯލިހު ހޮވީ ވެވަޑައިގެންނެވި ވައުދުތަކާއެކު ވިލިނގިއްޔަށް އުންމީދުކުރި ފަދަ ހެޔޮ ބަދަލަކަށް އެދިއެވެ.

މުއިއްޒު އެ ރަށަށް ވަޑައިގަތުމުން ބަނދަރުން ދަމާލި ސަފު އެ ރަށުގެ ކައުންސިލް އިދާރާއަށް ވުރެ ވެސް ދުރަށް އޮތްއިރު އެ ރަށުން ފެނިގެން ދިޔައީ ޕީޕީއެމްއަށް އޮތް ލޯތްބެވެ. ބުނަމުން ދިޔައީ މަސްވެރިންނަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ހަންދާން ނައްތަވާލައްވާފައިވާ ކަމަށާއި ޒުވާނުން ބިކަކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ޕީއެންސީ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ގއ. ވިލިނގިއްޔަށް ވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް

ވިލިނގިލީގެ ޒުވާނުން އެއްކޮށް ތިބީ މުއިއްޒާއެކު ކަމަށާއި ފުރަތަމަ ބުރު މުއިއްޒަށް ލިބިވަޑައިގެންނެވި 52 ޕަސެންޓް 78 ޕަސެންޓަށް ބަދަލުކޮށްލާނެ ކަމަށް ޒުވާނުން ދިޔައީ ބުނަމުންނެވެ. މުއިއްޒުގެ ވެރިކަމެއްގައި ޒުވާނުން އުންމީދުގައި ކުލަ ޖައްސައިދޭނެކަން "ގެރެންޓީ" ކަމަށް ވެސް އެ ޒުވާނުން ބުނެއެވެ.

"މި ވެރިކަން އެއްގޮތަކަށްވެސް ކަމަކު ނުދޭ. ޒުވާނުންނަށް އަޅާނުލާ މުޅި ބޭކާރުކޮށްލާފައި މިތިބީ ބައިތިއްބާފައި އެހެންވީމަ ބޭނުމެއް ނުވޭ އިބޫގެ ވެރިކަމެއް. ޑރ. މުއިއްޒުގެ ވެރިކަމެއް ބޭނުމީ"
ވިލިނގިލި ޒުވާނެއް

އެ ރަށުގެ އުންމީދު ގުޅިފައި ވަނީ ޓާޝަރީ ހޮސްޕިޓަލާއި ޑީކޯ ޗެމްބަރުފަދަ ހިފުމަތް ތަކާއެވެ. އަދި އެކަންކަން މުއިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ވިލިނގިއްޔާއި ކޫއްޑޫއާ ދެމެދު ބްރިޖް އަޅަން ވައުދުވެވަޑައިގެންފައިވީ ނަމަވެސް އެއްވެސް ކަމެއް ނުކުރެވުނު ކަމަށް ވެސް ބުނެފައި ވެއެވެ.

ގިނައަދަދެއްގެ ބަޔަކު އެ ސިޓީތަކުންނާއި ވިލިނގިލިންވެސް ޕީޕީއެމްއާ ގުޅުނު އިރު އޭގެ ތެރޭގައި އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހުން ހިމެނެއެވެ. އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ކޮށްދެއްވާފައިވާ ގިނަ މީހުންތަކެއް އޭގެ ތެރޭގައި ހިމެނޭއިރު މި ބަދަލާއެކު މާދަމާގެ އިންތިހާބުގެ ނަތީޖާ ވެސް ސާފެވެ.