މާލެ ކައިރީގައި އޮތް އުތުރު ތިލަފަޅަކީ ދިވެހިންގެ ތަނެއް ކަމަކު ދިވެހިންގެ ބާރު އެތަނުގައި ނުހިނގާ ކަމަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ މިރޭ މާފަންނު މަދަރުސާ ކައިރީގައި ގިރާވަރު ކޮމިއުނިޓީއާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މި ގައުމުގެ މިނިވަންކަން އޮތް މިންވަރު ސިފަކޮށްދެއްވާ މުއިއްޒު ވިދާޅުވީ އަމަލީ ގޮތުން އެ ފަޅަކީ ދިވެހިންގެ ފަޅެއް ނަމަވެސް ދިވެހި ސިފައިންގެ ބާރު އެތަނަށް މިހާރު ނުހިނގާ ކަމަށެވެ.

"ކިތަންމެ ވަރަކަށް އަޅުގަނޑުމެންގެ ފަހުރުވެރި މުއައްސަސާގެ ބޭފުޅުން އެކިކަހަލަ ވާހަކަ ވިދާޅުވިޔަސް، ހަގީގަތަކީ ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން މިހާރަކު، ސިފައިންނަށް އެތަނަށް މި ދެވެނީ ހުއްދަ ހޯދައިގެން" މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން އަޅަން ފަށާފައި ނުނިމިއޮތް ތިލަމާލެ ބްރިޖްގެ އެގްރީމަންޓްގައި ހިމެނޭ މާއްދާތައް އިއުލާން ކުރަންވެސް ދާން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އެ މާއްދާތައް އިއުލާނުކޮށްފިއްޔާ، މި ރާއްޖެއަށް ފިޔައާއި އަލުވިއާ ލިބޭކަށް ނެތް. މިހިސާބުގައި އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން އޮތީމާ 30، ސެޕްޓެމްބަރުގައި ވޯޓު ކަރުދާހުގައި ޖަހާ ފާހަގައިން އޭގެ ބަރުދަން ވަރަށް ބޮޑަށް ބުރަވޭ."
ޑރ.މުހައްމަދު މުއިއްޒު

އަދި ދިވެހި ގައުމުގެ މިނިވަންކަމާމެދު ރައްޔިތުން މިއަށްވުރެ ސީރިއަސް ވާންވެއްޖެކަަމަށާއި ލިބޭ މަދު ފައިސާ ކޮޅަކަށް ނޫން ނަމަ ލިބޭ މަތީ ވަޒީފާ އަކަށް ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ވިއްކާލާހާ 'ޗީޕް' ބަޔަކަށް ނުވުމަށް މުއިއްޒު ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ސަރުކާރަށް ފާޑު ކިޔާފައެވެ. އުތުރު ތިލަފަޅުގެ އެގްރީމަންޓްގެ މައްސަލަ ބޮޑުވެ، އެ އެއްބަސްވުމާ ގުޅޭގޮތުން ކަންކަން ސާފު ކުރުމަށް އެމްއެންޑީއެފް ވަނީ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހާޒިރުކޮށްފައެވެ.

241 ކޮމިޓީގެ އެ ބައްދަލުވުމުގައި އެމްއެންޑީއެފުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި، ޔޫޓީއެފް އެއްބަސްވުމުގެ އަސްލަކީ ޔާމީނުގެ ވެރިކަމުގައި 2016 ގައި ސޮއިކުރި އެކްޝަން ޕްލޭނެއް ކަމަށް ވިޔަސް، އެއްބަސްވުމުގެ ޝަރުތުތައް އޮތީ އެ ސަރުކާރުން ކަނޑައެޅި ގޮތަކަށް ނޫން ކަމަށް ބުނެފައި ވެއެވެ. 241 ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްްވުމާ ބެހޭ މައުލޫމާތުތަކެއް ދެއްކި ނަމަވެސް މުޅި އެއްބަސްވުމެއް ނުދައްކައެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބޭއްވޭ ގޮތަށް ޑޮކްޔާޑެއް ހެދުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރުގެ މެއި މަސް ތެރޭ ފަށާފައި ވާއިރު އެ މަޝްރޫއު 2.9 ބިލިއަން ރުފިޔާއަށް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ރެއިލް ވިކާސް ނިގަމްއާއެވެ.