ކުރިމަތިލައްވައިގެން ހުންނެވީ ގައުމަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވަން ކަމަށާއި ސަމާސާކޮށް ސަރަކާތް ޖައްސަވަން ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެވާހަކަ ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އިސްވެރިންނާއި އިސްލާމީ ގައުމުތަކާ އޮތް ގުޅުން ކުޑަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މިހާރު ހާރިޖީ ސިޔާސަތު ވަނީ ބަދަލުވެފައި ކަމަށާއި މި ފަސް އަހަރު ނިމިގެން މިދިޔަނީ ވަރަށް ބީރައްޓެހި ސިޔާސަތެއް ކަމަށެވެ. އަދި ވަކި ގައުމަކަށް އެއްކޮށް ބަރޯސާވެގެން ހުރިހާ ކަމެއް ދޫކޮށްލާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރު މިނިވަންކަމާއި އަމިއްލަވަންތަކަން ނެތް ކަމަށާއި އީސީއާއި އެހެން ތަނަކުންވެސް ކަމެއް ކުރާ ނަމަ ވަކި ބައެއްގެ ކައިރީގައި އަހައިގެން ނޫނީ އެކަން ނުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ހުރިހާ ތަމްރީނެއްވެސް ދެނީ ވަކި ގައުމަކުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވާހަކައަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިތުބާރު ކުރައްވާ ޒިންމާ ހަވާލު ކޮށްފިނަމަ މި ރާއްޖޭއިން ބޭރު ސިފައިން ބޭލުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެންވެސް ފައްޓަވާނެ ކަމަށެވެ. އަދި ހަރުދަނާ ވިސްމުނެއްގެ ފޮރިން ޑިޕްލޮމަސީ އިސްކޮށްގެން އެކަން ކުރިއަށް ގެންދަން ފަށައިފިނަމަ އެއީ މާ ބޮޑު އުނދަގޫ ކަމަކަށް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި އިސްކުރާނީ ދިވެހި ގައުމަށް އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށާއި އެހެން ބަައެއްގެ މަސްލަހަތު އިސްކުރާނަމަ ގެއްލޭނީ އަމިއްލަ ވަންތަ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން އިސްކުރަނީ އެހެން ގައުމެއްގެ މަސްލަހަތު ކަމަށާއި އޭގެ ސަބަބުން އަމިއްލަވަންތަކަން ގެއްލިފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ގައުމުގެ މިނިވަންކަމަށްޓަކައި ކުޅުދުއްފުށީ ހުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާރުގެ ވާހަކައަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވީ އަބްތޯލުންގެ ޒިކުރާ އާކުރަން ޖެހޭ ކަމަށާއި 30 ވަނަ ދުވަހު ލާ ވޯޓުގައި ލޯ ކުރިމަތިން ފެންނަ ހަގީގަތަށް ލޯ މަރާލާކަމަށް ވަނީ ނަމަ އެ އަބްތޯލުންކުރި ޖިހާދުގެ ބޭނުން ނެތް ކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގައި ހުއްޓަސް ކޮންމެ ދިވެހި ރައްޔިތަކު ވެސް އިސްކުރަންވީ ހުއްބުލް ވަތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިނިވަންކަން ދިފާއުކުރަންޖެހެނީ ބޭރު ސިފައިން ބޭރުކުރުމާއި ހިސާބަކުން ނޫން ކަމަށާއި އިގްތިސޯދުވެސް މިނިވަންކުރަންޖެހޭ ކަމަށެވެ. އަދި ނަގާފައި އޮތް ދަރަނީގެ 50 ޕަސެންޓު އޮތީ އެއް ގައުމަކަށް ގޮސް ހުސްވެފައި ކަމަށާއި ދަރިންގެ މުސްތަގުބަލަށްޓަކައި މި އަޅުވެތިކަމުން ދިވެހި މި ބިން ސަލާމަތްކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާ ތެދުވެވަޑައިގެން ހުންނެވީ ވަރަށް ކެރިންގެން، ގައުމަށްޓަކައި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި އަދި އިގްތިސޯދު ނަގައި ކޮޅަށް ޖެހުމަށްޓަކައި ކަމަށެވެ. އަދި އުމްރާނީ ތަރައްގީ، ބާރު ސްޕީޑުގައި ރައްޔިތުން އެދޭ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ގައުމުގެ އިޖުތިމާއީ ދުޅަހެޔޮކަން އަނބުރާ އިއާދަކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ ނިކުންނަވައިގެން ހުންނެވީ ޒުވާނުންނަކީ ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި އަދި ކަނބަލުންނަކީ އަމިއްލަ ފައިމަށްޗަށް ތެދުވެ ތިބި ފަހުރުވެރި ބަޔަކަށް ހެދުމަށްޓަކައި ކަމަށާއި އިސްރަށްވެހީންނަކީ ގައުމުގައި ބަސްބުނެ އުޅޭ ފަހުރުވެރި ބަޔަކަށް ހެދުމަށްޓަކާ ކަމަށެވެ. އަދި މުއިއްޒު އެކުލަވާލާ ސަރުކާރެއްގައި ތިބޭނީ ތައުލީމީ ގާބިލް، ތަޖުރިބާ ހުރި ހީވާގި ބޭފުޅުން ކަމަށާއި އެކުލަވާލާނީ ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ކެބިނެޓެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ އެ ވަޑައިގަންނަވަނީ ގައުމަށް ހެޔޮ ގޮތް ހޯދައިދެއްވާ، ނަތީޖާ ނެރެދެއްވަން ކަމަށާއި އޭނާގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެކަންކުރަން ކެރިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.