އިލެކްޓްރިކް ވެހިކަލް ގެންނަން އިންވެސްޓަރުންނަށް ފުރުސަތު ދެއްވާ، ޗާޖިން ސްޓޭޝަންތައް ހައްދަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއެއްގައި ނާޒުކު ތިމާވެއްޓަށް ވިސްނަން ޖެހޭނެ ކަމަށާއި ތިމާވެއްޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި އިލެކްޓްރިކް ވެހިކަލްތައް ގެނެވި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިނާޔަތްތައް ދީގެން އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އިލެކްޓްރިކް ވެހިކަލްތަކަށް އިންވެސްޓް ކުރުމަށް ސަރުކާރުން އެހީތެރިވާނެ ކަމަށާއި އެ ވެހިކަލްތައް ޗާޖުކުރާނެ ސްޓޭޝަންސްތައް ވެސް ތައާރަފް ކޮށްދެެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައިސްކަލް ދުއްވުމަށް ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ތަކެއް ކުރެވި އީ-ބައިކް ފަދަ ވަސީލަތްތައް ތައާރަފް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މެނިފެސްޓޯ އިއުލާނު ކުރިއިރު ތަރައްގީގެ މައިގަނޑު ތަސައްވުރު ވާނީ ހާމަކޮށްފައި ކަމަށާއި އެގޮތުން އާބަން ޑިވެލޮޕްމަންޓް އަދި ތަރައްގީގެ ތަސައްވުރު ވާނީ ބަޔާންކޮށްފައި ކަމަށެވެ.
ރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ބޮޑުތިލަދުންމައްޗަށް އަމާޒު ކުރައްވާ މުއިއްޒު ވިދާޅުވީ، ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ގޮތަށް ގުޅި ލާމެހިފައިވާ ތަރައްގީ، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ކުރިއަށް ގެންދާ ގޮތަށް ރާވަފައިވާ ކަމަށާއި އެ ސަރަހައްދުގެ މައި މަރުކަޒަކީ ކުޅުދުއްފުށި ކަމަށެވެ.
ރާއްޖެއަށް އެންމެ މުހިންމު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުޖްތަމައުގައި ހުރި ހުރިހާ އިޖްތިމާއީ މައްސަލަތަކެއް ހައްލުވާނީ ގެދޮރުގެ މައްސަލަ ހައްލުވެގެން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން އެ ސިޓީގައި [ކުޅުދުއްފުށި] އެންމެ މުހިއްމީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް އައުން ކަމަށާއި އެގޮތުން 2000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ހައުސިންގް ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ލިބި ސިޓީއަށް އެކަމުން ފައިދާވެގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ގޯތީގައި ގެދޮރު ބިނާކުރުމަށް ތައާރަފްކުރާ އެކިއެކި ލޯނުތަކުން އެ ސިޓީގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި އަލަށް ގެދޮރު އިމާރާތް ކުރަން ދޫކުރާ ހޯމް ސްޓާޓާ ލޯނާއި ގެދޮރު އިމާރާތްކުރަން ފަށާ ހުއްޓިފައިވާ ފަރާތްތަކަށް ދޫކުރާ ލޯނާއި ރިނޮވޭޝަން ލޯން ސްކީމް ވެސް ހިމެނޭ ކަމަށެވެ. އަދި އެ ލޯންތައް ދޫކުރާނީ ގާނޫނުތައް ހަދައިގެންނާއި ހުރި ގާނޫނުތައް އިސްލާހު ކޮށްގެންނާއި ބޭންކް ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ރަށުގެ ހުރިހައި މަގުތައް ހަދައިދެއްވާނެ ކަމަށާއި މަގުތައް ހަދާއިރު ރޭސިންއަށް ހާއްސަ ބައެއް މަގުތައް ފަރުމާކުރެވިގެންދާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލަކީ ހަގީގީ މާނާގައި ޓާޝަރީ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭ ގޮތަށާއި އިންޓަނޭޝަނަލް ހޮސްޕިޓަލްތަކުގެ ކްލިނިކްތައް ހިމެނޭ ފަދަ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ ސިޓީއެއްގައި އަދި ކޮންމެ އަތޮޅެއްގައި ދަމަނަވެށީގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށާޢި އެގޮތުން އެ ސިޓީގައި އަދި އެ އަތޮޅުގެ އިތުރު އެއް ރަށުގައި 24 ގަޑިއިރު ހިދުމަތްދޭ ދަމަނަވެށީގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
ކުޅުދުއްފުށި އެއާޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގެ ތަރައްގީކޮށް ނިންމާފައި ވާ ހިސާބަށްވުެއ އިތުރަށް މަސައްކަތްކޮށްފައި ނުވާތަނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެތަން ބާރު ސްޕީޑުގައި ގެންގޮސް ފުރިހަމަ ތަނެއްގެ ގޮތުގައި އެތަން ތަރައްގީކޮށް ނިންމައިދެއްވާނެ ކަމަށާއި އެ އެއާޕޯޓް ތަރައްގީ ކުރާނީ ޕެސެންޖާ ސާވިސަސްއަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ އެއާޕޯޓާއި ގުޅިފައި އޮތް ބިމަކީ ރައްޔިތުންނަށް އިގްތިސޯދީ ފައިދާ ކުރާނެ ފަދަ ތަނަކަށް ހަދައިދެއްވާނެ ކަމަށެވެ.
ސިޓީ އެއްގައި ހުންނަންޖެހޭ ފެންވަރުގައި ދެ ޖިންސަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމުކޮށްދެއްވުމަށާއި ކޭލަކުނު އިކޯ ޓޫރިޒަމް ފެސިލިޓީއެއް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޑޮލަރު ނެގޭ ފަދަ އޭޓީއެމް ފެސިލީޓީއެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގެ ވަރަށް މުހިއްމުތަނަކީ ޕޯޓުކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ ކުންފުނިތައް މެދުވެރިކޮށް ޕޯޓުގެ ފެންވަރު ރަނގަޅުކުރާއި ސްލިޕްވޭއަކާއެކު ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގައި ވޭސްޓް މެނޭޖްމަންޓްގެ ރަނގަޅު ފެންވަރުގެ ސެޓަޕެއް ހަދައި ރަނގަޅަށް އެކަން ކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.