ބ. ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމާއެކު އެ ރަށުގެ ފަޅުގައި ރިސޯޓެއް ހެދުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.
މުއިއްޒު ވިދާޅުވީ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކޮށްދެއްވާނެ ކަމަށާއި ގޮއިދޫގެ ފަޅު ތެރޭގައި ރިސޯޓް ގާއިމުކުރުމަށް އިސްވެސްޓަރުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ފަހި ކޮށްދީގެން ސީޕްލޭން ޖެއްސޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ގޮއިދޫގައި އޮންނަ ކޯރުގަނޑު ސަރަހައްދަކީ ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ހިމަނާފައިވާ ތަނެކެވެ. އެހެންނަމަވެސް އެތަކުން އިގްތިސޯދީ ފައިދާއެއް ނުވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
މުއިއްޒު ވިދާޅުވީ ބަޔޮސްފިއާ ރިޒާވަށް ތަނެއް ލަނީ އެއިން އިގްތިސޯދީ ފައިދާއެއް ހޯދުމަށް ކަމަށާއި އެ ޕްރޮޖެކްޓްގެ ތެރެއިން ނުވަތަ ވަކިކޮށްގެން ވިޔަސް އާމްދަނީގެ ފުރުސަތު ލިބޭނެ ގޮތް އެ ރަށުގެ މީހުންނަށް ފަހިވާން ޖެހޭ ކަމަށެވެ. އެގޮތުން އެތަނުގައި އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއެއް ހިންގަވާވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން އެ ރަށަށް ވެވަޑައިގެންފައިވާ ވައުދުތައް މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން ފެންވަރު ރަނގަޅު ބޯޅަދަނޑާއި ސްކޫލުގެ ޖާގަ އިތުރުކުރުމުގެ އިތުރުން ސިއްހީ މަރުކަޒުގެ ނިޒާމު ހަރުދަނާ ކުރުމަށް ވަނީ ވައުދު ވެވަޑައިގެންފައެވެ. އަދި ރަށުގައި ތިބެގެން ގިނަ ހިދުމަތް ދެވޭ ގޮތަށް ހިދުމަތްތައް އިތުރުކޮށްދީގެން މިހާރަށްވުރެ މާ ރަނގަޅަށް ސިއްހީ މަރުކަޒުގައި ހަގީގީ ސިފަ ޖައްސައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ގޮއިދޫ ބަނދަރު ތަރައްގީކުރުމާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ކަރަންޓްގެ ނިޒާމު ހަރުދަނާ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ފުޓްބޯޅަ ދަނޑެއް ހެދިގެންދާއިރު އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސްގެ ޔޫތު ސެންޓަރެއް ގާއިމު ކުރުމާއި އޭޓީއެމް ހިދުމަތް ފެށުމަށްވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރު ވާނީ އެފަދައިން ވިދާޅުވާ ކޮންމެ ކަމެއް ރަސްމީކޮށް އަދި ހަގީގަތުގައި ވެސް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބަޖެޓުންނާއި އިންވެސްޓަރުން ހޯދައިގެން ކޮށްދޭނެ ކަންކަން ކަމަށެވެ. އަދި ވައުދުވެ، އެކަމެއް ހަނދާން ނެތި އެކަން ބޮލުން ނައްޓާލާ ކަހަލަ މީހަކަށް ނުވާނެ ކަމަށް މުއިއްޒު ވަނީ ޔަގީންކަން ދެއްވާނެފައެވެ.