މިހާރު ސެޓްލައިޓް ސްކޫލެއްގެ ގޮތުގައި އޮންލައިންކޮށް ކިޔަވައިދެމުން ގެންދާ ބ. ފެހެންދޫގެ ސްކޫލުގައި ޓީޗަރުން ތިބެ ކިޔަވައިދެވޭނެ ކަމުގެ އުންމީދު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އެ އަތޮޅުގެ ފެހެންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ފެހެންދޫން މުއިއްޒަށް 35 ޕަސެންޓް ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ވާދަވެރި އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އިންތިހާބުގައި އެ ރަށުން މެޖޯރިޓީ ނެންގެވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 49 ޕަސެންޓެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ކާކު ނިސްބަތްވަނީ ކޮން ސިޔާސީ ޕާޓީއަކަށްތޯ ބެލުމެއް ނެތި ކޮންމެ ކަމެއްވެސް ކޮށްދެއްވާނީ ހަމަހަމަ ކަމާއެކު ކަމަށެވެ. އަދި ފެހެންދިއަށް ގިނަ ކަންކަން ބޭނުންވާ ކަމަށާއި އެއީ ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލާ ބާކީ ކުރެވިފައި އޮތުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަމާކޮށް ޓެސްޓް ހެދޭނެ ލެބޯޓްރީއެއް ހުންނަން ޖެހޭނެ ކަމަށާއި އެ ރަށެއްގެ އާބާދީގެ ނިސްބަތަށް ބަލާ ކޮންމެ ރަށެއްގައިވެސް އެ ހިދުމަތްދޭން ނިންމްވާފައިވާ ކަމަށެވެ. އެގޮތުން ފެހެންދޫން ވެސް އެ ހިދުމަތް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޮންލައިންކޮށް ކިޔަވައިދެމުންދާ ފެހެންދޫ ސްކޫލުގައި ހުންނަނީ ދެ ކްލާސް ރޫމް ކަމަށް ވާއިރު އެ ސްކޫލުގައި ތިބެނީ ދެ މުވައްޒަފުންނެވެ. އަދި އެ ސްކޫލް ހިންގަމުން ދަނީ ގޮއިދޫ ސްކޫލްގެ ބެލުމުގެ ދަށުންނެވެ.
ގޮއިދޫ ސްކޫލްގެ ދަށުން ފެހެންދޫގެ ސްކޫލް ހިންގަމުންދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއީ އެކަން ކުރަން ވީ ގޮތް ނޫން ކަމަށާއި ކޮންމެ ރަށެއްގައި ވެސް އެކަން ކުރަން ޖެހޭނީ އެ ސްކޫލެއްގެ ކޮންޓްރޯލްގެ ދަށުން ކަމަށެވެ. އެގޮތުން ފެހެންދޫ ސްކޫލްގެ ހިންގުން ފެހެންދޫ ސްކޫލަށް ބަދަލުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނަސް އެންމެ ތުއްތު ކުދިންނަށް ކިޔަވައިދޭން ކައިރީގައި ތަޖުރިބާ ލިބިފައިވާ ޓީޗަރުން ތިބެންޖެހޭ ކަމަށާއި އަދި އޭނާގެ ސިޔާސަތުގެ ދަށުން މަންހަޖަހަށް ގައުމިއްޔަތާ ގުޅޭ މާއްދާއަކާއި ތަރުބިއްޔަތުތައް ހިމަނަން ނިންމާފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް އެ ފަދަ މާއްދާތައް ކިޔަވައިދީގެން އެހާ ފައިދާ ނުކުރާނެ ކަމަށް ވިދާޅުވެ މުއިއްޒު ނިންމެވީ އެލްކޭޖީއިން ފެށިގެން ގްރޭޑް 6 އާ ހިސާބަށް އެ ރަށެއްގެ ކުދިން ކައިރީގައި ތަމްރީނު ލިބިފައިވާ ޓީޗަރުން ތިބެން ޖެހޭނެ ކަމަށެވެ. އަދި ފެހެންދޫގެ ސްކޫލުގައި އެކަށީގެންވާ ޓީޗަރުން ގާއިމުތިބޭ ގޮތަށް އެލްކޭޖީއިން ގްރޭޑް 6 އަށް ކިޔަވަައިދެވޭނެ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސައި ދެއްވާނެ ކަމަށް މުއިއްޒު ވައުދު ވެވަޑައިގެންފައެވެ.
ފެހެންދޫއަށް މުއިއްޒު ވަޑައިގެންނެވި އިތުރު ވައުދުތައް:
- ގިރާ ސަރަހައްދު ހިމާޔަތްކުރުން.
- ކުޑަކުދިންގެ ޕާކެއް އަޅައިދިނުން.
- ކުނި މެނޭޖްކުރެވޭނެ ގޮތެއް ހަމަޖެއްސުން.
- ޕޮލިހުންގެ ހިދުމަތް.
- ކަރަންޓްގެ ހިދުމަތް ރަނގަޅުކުރަން.
- މިސްކިތެއް އަޅައިދިނުމަށް.
- ހައި ސްޕީޑް ފެރީގެ ހިދުމަތް.
- ޒުވާނުންގެ މަރުކަޒެއް އަޅައިދިމަށް.
މުއިއްޒު އިތުރަށް ވިދާޅުވީ ފެހެންދޫގައި ހުއްޓިފައިވާ ނަރުދަމާ މަސައްކަތާއި ލަހުން ހިނގާ މަޝްރޫއުތައްވެސް އޭނާގެ ސަރުކާރެއްގައި ނިންމަވައި ދެއްވާނެ ކަމަށެވެ.