އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ގާބިލުކަން މިހާރު ހުރި ވަރުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިދާނެ ކަމަށް އެމެރިކާއިން ގަބޫލު ކުރާ އިރު، އެގައުމުން އެފަދަ ހަތިޔާރެއް އުފައްދައިފިއްޔާ ސައުދީންވެސް ނިއުކްލިއާ ހޯދާނެ ކަމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
ޔަހޫދީ އިޒްރޭލާ ދުވަހެއް ދުވަހަކަށް ގާތް ވަމުން ދާކަމަށް ވިދާޅުވެ އެމެރިކާގެ ފޮކްސް އަށް ދެއްވި އިންޓަވިއު އެއްގައި މުހައްމަދު ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިނަމަ ނުވަތަ ހޯދައިފިނަމަ ސައުދީންވެސް ނިއުކްލިއާ ހަރިޔާރު ހޯދަން ޖެހޭނެ ކަމަށެވެ.
ހަތުރުންގެ ގޮތުގައި ޒަމާންތަކަކަށް އޮތުމަށް ފަހު މިދިޔަ މާޗް މަހު ގުޅުން ރަނގަޅުކޮށް އެއްގައުމު އަނެއް ގައުމުގައި ޑިޕްލޮމޭޓުން ބައިިތިއްބަން ފަށާފައިވާ އީރާނާއި ސައުދީގައި މެދުއިރުމަތީގައި ބާރުތައް ހޯދުމަށް މަސައްކަތް ކުރާ ދެގައުމެކެވެ. ދެގައުމުގެ ސިޔާސަތު އިންތިހާއަށް ތަފާތު އިރު ސަރަހައްދުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި އެކިއެކި ޖަމާއަތްތަކަކީ އެދެ ގައުމުން މަދަދު ލިބޭ ޖަމާއަތްތަކެވެ.
އީރާނާއެކު ސައުދީން އަލުން ގުޅުން ގާއިމު ކުރުމުގެ ޝަތުރުތަކުގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމާއި އުފެއްދުން ހުއްޓާލުމަށް ވަނީ ޝަރުތު ކޮށްފައެވެ. އަދި އިރާނުންވެސް ބުނެފައި ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކުގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި ނިއުކްލިއާ ހަތިޔާރެއް އުފައްދަން ނޫޅޭ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެމެރިކާ އާއި އދ ގައި އޮންނަ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ފާރަވެރިވެ ބަލަމުން ދާއިރު، ކައިރީގައި އޮންނަ އިޒްރޭލުން ދަނީ 'އަލިފާނަށް ދަރުއަޅާ ރޯކުރާ އުސޫލުން' އީރާނުގެ މައްޗަށް ޝައްކު އުފައްދާ ތުހުމަތުތައް ކުރަމުންނެވެ.
އިޒްރޭލަކީ މިހާރުވެސް ނިއުކްލިއާ ބާރަކަށް ވާއިރު، އެގައުމަށް މަދަދު ދޭ ގައުމަކީ އެމެރިކާއެވެ.
މެދުއިރުމަތީގައި ހަތުރުންގެ ގޮތުގައި ތިބި ގިނަ ގައުމުތަކުން ޗައިނާގެ އެހީތެރިކަމާއެކު ސުލްހަވެފައި ވާ އިރު، މެދުއިރުމައްޗަށް ހަމަޖެހުން އައުމަކީ އިޒްރޭލުން އެދޭ ކަމެއް ނޫނެވެ.
އިޒްރޭލާ އެކު ގުޅުން ރަނގަޅު ވަމުން ދާ ކަމަށް ވަލީ އަހުދު ވިދާޅުވި އިރު، އެމެރިކާއިން ގެންދަނީ އެމަގަށް މަގުފަހި ކުރުމަށްޓަކައި ސައުދީވެސް ރުއްސާ އަދި އިޒްރޭލުވެސް ރުއްސުމުގެ ގިނަ ކެމްޕެއިންތަކެއް ހިންގަމުންނެވެ.
މިހާރު އެމެރިކާގައި ކުރިއަށް ދާ އދ ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އިލްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައްދަލުކުރައްވަން ހަމަޖެހިފައި ވާ އިރު، މި ބައްދަލުކުރެއްވުމުގައި ވެސް މަޝްވަރާ ކުރައްވާނެ އެންމެ މުހިންމު އެއް ކަމަކީ ސައުދީ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކޮށް އާންމު ހާލަތަކަށް ގެނައުމުގެ މަޝްވަރާތައް ކަމަށް މުރާސިލުން ބުނެއެވެ.
'ކޮންމެ ދުވަހަކު އަހަރެމެން މިދަނީ ގާތް ވަމުން" އިންޓަވިއު ނިންމަވާލައްވަމުން މުހައްމަދު ވިދާޅުވިއެވެ.