2026 ވަނަ އަހަރާ ހިސާބަށް ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑު ދަރަނި ދެއްކޭނެ ގޮތް ހޯއްދަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މަގޫދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުންނެވެ.

މުއިއްޒު އެހެން ވިދާޅުވެ އޭގެ ތަފްސީލުތައް މަގޫދޫގައި ނުދެއްވި ނަމަވެސް އާމްދަނީ އިތުރުކުރާނެ ގޮތްތައް އޭނާގެ މެނިފެސްޓޯގައި ހިމަނާފައި ވެއެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރުމަށްޓަކައި ބައެއް ގައުމުތަކުން ފެހި ސިގްނަލް ލިބިވަޑައިގެންފައި ވާ ކަމަށްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށާއި މިހާރު ތައްޔާރުވަމުން ގެންދަނީ ދެވަނަ ބުރަށް ކަމަށެވެ. އަދި މިދިޔަ ބުރުގައި މަގޫދޫއިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ކާމިޔާބީ ހޯދީ މަގުދޫގެ ރައްޔިތުންނަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ކަމަށެވެ. އެހެންކަމުން މަގޫދޫގެ ރައްޔިތުން ކުރަމުންވގެންދާ މަސައްކަތް ފާހަގަކޮށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ރަށް ރަށުގައި މިދިޔަ 5 އަހަރުގެ ދައުރުގެ ތެރޭގައި ހިންގަން ޖެހޭ އެތައް ކަމެއް ނުހިނގާ ހުރި ކަމަށާއި މަގޫދޫގައިވެސް އެކަން އޮތީ އެގޮތަށް ކަަމަށެވެ. އަދި ވޯޓަށް ވިސްނާއިރު ރައްޔިތުން ވިސްނަން ޖެހެނީ އެކަންކަމަށް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 5 އަހަރުގެ ދައުރެއް ނިމިގެން ދާއިރު ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ބަނދަރު ފަދަ މަސައްކަތް ތަކަކީ ކުރެވެން ޖެހޭނެ މަސައްކަތްތައް ކަމަށެވެ.

ހުރިހާ ރަށެއްގެ އެފަދަ މަޝްރޫއުތައް ހިންގަން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ބާރު ސްޕީޑްގައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭގޮތަށް ކަމަށެވެ. އެގޮތުން މަގޫދޫގެ ސްކޫލާއި އޮފީހަށް ބޭނުންވެފައިވާ ޖާގަ އިތުރުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވައުދު ވެވަޑައިގެންނެވިއެވެ. އަދި މަގޫދޫގެ ސިއްހީ މަރުކަޒާ ގުޅޭ މަސައްކަތްތަކަކީވެސް ޔަގީނުންވެސް ކުރެވޭނެ ކަންކަން ކަމަށާއި އެކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މަގުދޫގައި ފުޓްސެލް ދަނޑުގެ އަޅައިދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގެ ފްޓްބޯޅަ ދަނޑު ޓާފް އަޅާ، ރަނގަޅު ފެންވަރަކަށް ހަދަން ޖެހޭނެ ކަމަށެވެ. އަދި ފުޓްބޯޅަ ކުރިއެރުވޭނީ ރަނގަޅު ފެންވަރުގައި ދަނޑުތައް ހެދިގެން ކަމަށާއި އެހެންކަމުން މަގޫދޫގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭގެ އިތުރުންވެސް ރައްޔިތުން ހުވަފެނުގައި ކުލަޖެެއްސުމަށް ބަޖެޓުގައި ތަން ދިން މިންވަރަކުން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ރައްޔިތުން ކުރިމައްޗަށް ވަޑާއިގެން އެ ވާހަކަތައް ދައްކަވަނީ އެކަން ކަން ކޮށްދެވޭނެތީ ކަމަށެވެ.