ރަށްރަށަށް ލިބޭ ގްރީން ޓެކްސްގެ ފައިސާއިން އެ ރަށެއްގެ ކުނި މެނޭޖްކޮށް ރައްގިރުމުގެ މައްސަލަ ދިމާވެފައި ވާނަމަ އެކަންވެސް ހައްލު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ނ. ހެނބަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ ސިއްހީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަަމަށާއި އެހެން ކަމުން ކޮންމެ ރަށެއްގައިވެސް ރަނގަޅު ނިޒާމެއްގެ ތެރެއިން ކުނި ނައްތާލެވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ހެނބަދުއަކީ ވެސް ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށެއްގެ ގޮތުގައި މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގާނުނުގައިވާ ގޮތުން މިހާރު ގްރީން ޓެކްސްއިން ލިބޭ ފައިސާ އަކީ ކައުންސިލް ތަކަށް ލިބޭ ފައިސާ ކަމަށާއި އެ ފައިސާއިން ޑީސެންޓްރަލައިޒް ކުރެވިފައިވާ އުސޫލުގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ކުނި މެނޭޖް ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި ހަމައެހެންމެ ރަށް ގިރުމުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް އެ މައްސަލަތައް ހައްލުކޮށްދޭނީ ވެސް ހަމަ އެ ގްރީން ޓެކްސްގެ ފައިސާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ހެނބަދުއަށް މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ރަށުގެ ބިން ހިއްކޭ އެންމެ ބޮޑަކަށް ބިން ހިއްކާ ރަނގަޅު ފެންވަރެއްގެ ފުޓް ބޯޅަ ދަނޑެއް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ހެނބަދޫ ހިމެނޭހެން ކޮންމެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ލެބޯޓަރީ އަޅައި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ރަށްރަށުގައި މިސްކިތް އެޅުމަށާއި މިސްކިތްތަކުގެ އާބާތުރަ ނުފިލުވުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގައި [ހެނބަދޫގައި] އާ މިސްކިތެއް ބިނާ ކުރައްވާނެ ކަމަށެވެ. ފަސް އަހަރުގެ ތެރެއަށް ބަހާލައިގެން ކުރައްވާނެ ކަންކަން ފާހަގަކުރެއްވުމަށް ފަހު ދެވަނަ ބުރުގައި އިންތިހާބު ކޮށްދެއްވުމަށް މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.