ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނަގުރާމަ އަށް 2 އަހަރު ވާން ދާ އިރު، ހުޅަނގާއި އެމެރިކާއިން އަޅާފައި ވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި ރަޝިއާ އާއި ޗައިނާއިން އިގްތިސޯދީ ގުޅުން އިތުރަށް ވަރުގަދަ ކުރަަން ނިންމައިފިއެވެ.

މި ފަހްތާގައި ރަޝިއާގައި ޗައިނާ އާއި ރަޝިއާގެ އިސް އޮފިޝަލުން މަޝްވަރާ ކުރައްވާފައި ވާ އިރު، ޗައިނާގެ ކޮމާސް މިނިސްޓަރު ވޭންގް ވެންޓާއޯ ވިދާޅުވީ، ދެގައުމުގެ ލީޑަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ވިޔަފާރީގެ ގުޅުންތައް އާ ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވިފައި ވާ ކަމަށެވެ. 'ސައިނޯ – ރަޝިއާ' ގުޅުމުގެ ދަށުން ރަޝިއާގައި އުފައްދާ ގޭހާއި، ތެލާއި އަދި ގޮދަނުގެ ބާވަތްތައް ޗައިނާއަށް އިމްޕޯޓް ކުރުން އިތުރު ކުރުމާއެކު އިތުރު ދާއިރާތަކަށް އަމާޒު ހިފަން މަޝްވަރާ ވަނީ ކޮށްފައެވެ.

ނިމިދިޔަ އޮގަސްޓް މަހުގެ ހިސާބުތަކަށް ބަލާއިރު، ޗައިނާއިން އިމްޕޯޓް ކުރި މުދާ ވަނީ 3 ޕަސެންޓް އިތުރު ވެފައެވެ. އެއީ ނިމިދިޔަ އަހަރަށް ވުރެ 11 ބިލިއަން ޑޮލަރުގެ އިތުރު ވުމެކެވެ.

ޗައިނާއިން ރަޝިއާ އާ އެކު ގާތް ގުޅުމެއް ބާއްވާތީ ހުޅަނގުން އަންނަނީ އެކަމާ ކަންބޮޑުވެ ފާޑުކިޔަމުންނެވެ. ޔޫކްރައިން އަށް ރަޝިއާ އެރި މައްސަލައިގައި ޗައިނާއިން ރަޝިއާ ކުށްވެރި ނުކުރުމާއި އޭގެ ބަދަލުގައި ދޭތެރެ ދޭތެރެއިން އަދި އަވަސް އަވަހަށް ޗައިނާގެ އިސް އޮފިޝަލުން ރަޝިއާ އަށް ވަޑައިގަތުމަކީ ހުޅަނގާއި އެމެރިކާ ރުހޭ ކަމެއް ނޫނެވެ.

ނަމަވެސް ރަޝިއާ ކުށްވެރި ކުރުމަކީ ޗައިނާގެ ސިޔާސަތެއް ނޫނެވެ.

އިއްޔެ އޮތް ޖީ7 ގެ ގައުމުތަކުގެ ވެރިންގެ މައްދަލުވުމުގައި، ޗައިނާގެ ނަން ނުބުނެ ވެރިން ބުނެފައި ވަނީ، ރަޝިއާއަށް މަދަދު ދިނުން ހުރިހާ ފަރާތަތަކަކުން ހުއްޓާލަން ޖެހޭ ކަމަށެވެ. ރަޝިއާ އާއި ޗައިނާ އަދި އުރުރު ކޮރެއާ އާ ގުޅޭ ދުރު އިރުމަތީ ބޯޑަރު ހުރަސްކޮށް އެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ އާ ދޮރާއްޓެއް ގާއިމު ކުރުމަކީ ހުޅަނގަށް ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ. ޗައިނާގެ ވަފްދް ރަޝިއާގެ އޮފިޝަލުންނާ ބައްދަލު ކުރައްވާފައި ވާ އިރު ހުސްވި ހަފްތާގައި ވަނީ އުތުރު ކޮރެއާގެ ލިޑަރު ކިމް ޖޮންގް އުން ރަޝިއާ އަށް ވަޑައިގެން އެގައުމުގެ އަސްކަރީ ގާބިލުކަން ބައްލަވާ، އެ ދާއިރާއިން އެހީ ހޯއްދެވުމަށް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އުތުރު ކޮރެއާގެ ސްޕޭސް ޓެކްނޮލޮޖީ ފުޅާ ކުރުމަށް ރަޝިއާއިން އެހީވެދޭނެ ކަމަށް ބުނެފައި ވާއިރު، މިސައިލް ޓެކްނޮލޮޖީއާއި އެހެނިހެން އަސްކަރީ ގާބިލުކަން ހުރި ގޮތްވެސް އުތުރު ކޮރެއާއިން ވަނީ ބަލާފައެވެ. އެ ދަތުރުގައި ބައެއް އެއްބަސްވުންތަކުގައި ދެގައުމުގެ ވެރިން ސޮއި ކުރައްވާފައި ވީ ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ އާއި ރަޝިއާ އާ ދެމެދު ވެފައި ވާ ބައެއް އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ރަޝިއާ އާއި ޗައިނާ ގުޅޭ ބޯޑަރުގައި ތެޔޮ ޓްރާންޝިޕް ކުރާ ބަނދަރެއް ހެދުމުގެ އެއްބަސްވުމެވެ. އަދި އެ ސަރަހައްދަކީ ރަޝިއާގެ ސީފްޑް އިންޑަސްޓްރީގެ 70 ޕަސެންޓް އުފައްދާ އަދި ހިފާ ސަރަހައްދަށް ވާ އިރު، އަލަށް ގާއިމު ކުރެވިގެން ދާ ކޮރިޑޯ ނުވަތަ ގުޅުމުގެ ތެރެއިން އެ މާކެޓްވެސް ފުޅާކުރެވިގެން ދާނެ ކަމަށް ހަބަރުތައް ބުނެއެވެ. މިއީ ޗައިނާއަށް ސީފްޑް އެންމެ ގިނައިން އެތެރެ ކުރާ ޖަޕާނަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވާނެ ކަމަށް ބެލެވޭ އިރު، ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ކާރުހާނާގައި ރައްކާކޮށްފައި ހުރި ނިއުކްލިއާ އަސަރު ހުރި ފެން ކަނޑަށް ދޫކުރި މައްސަލައިގައި ޗައިނާއިން އެގައުމުގެ ސީފްޑް އެެތެރެ ކުރުން ހުއްޓާލި ވަގުތާވެސް ދިމާވާ ކަމެކެވެ.

ޗައިނާގެ ވަފްދުގެ ދަތުރު ނިންމާލައްވައި ރަޝިއާއިން ފުރާވަޑައިގެންފައި ވާއިރު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ޗައިނާއަށް ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފައެވެ. ހަބަރުތައް ބުނާގޮތުން އެ ދަތުރު އަންނަ މަހު އޭނާ ކުރައްވާނެއެވެ.