އިންޑިއާގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރީ، ސިކުންގެ އިސް ލީޑަރެއް ކަމަށް ވާ ހަރްދީޕް ސިންގް ނިއްޖަރު ކެނެޑާގައި މަރާލީ އިންޑިއާގެ ބައިވެރިވުމާ އެކު ކަމަށް ކެނެޑާއިން ބުނި މައްސަލަ ހޫނުވެ، ކެނެޑާގައި ހުރި އިންޑިއާގެ ޑިޕްލޮމޭޓަކު ފޮނުވާލުމުން އިންޑިއާއިންވެސް ބަދަލު ހިފައިފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައި ވަނީ ހަރްދީޕަކީ ކެނެޑާގެ ރައްޔިތެއް ކަމަށާއި، އޭނާ ކެނެޑާގައި މަރާލުމުގައި އިންޑިއާގެ ބައިވެރިވެރިވުން އޮތް ކަމުގެ ހެކި ހުރި ކަމަށެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތައް ދޫނުކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެއާއެކު ތަފާތު ފިޔަވަޅުތައް އަޅުވާނެކަން ހާމަ ކުރައްވައި، ކެނެޑާގައި ހުންނަވާ އިންޑިއާގެ އިންޓެލިޖެންސްގެ ވެރިޔާ ވަނީ ބޭރު ކޮށްލާފައެވެ.

އިންޑިއާއިން ބުނީ، ކެނެޑާއިން ދައްކާ ވާހަކަ އަކީ ސާބިތު ހިފޭ ވާހަކައެއް ނޫން ކަމަށާއި އެއީ ހަގީގަތް އޮޅުވާލައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށެވެ. އެއާއެކު އިންޑިއާއިން ވަނީ އެގައުމުގައި ހުންނަވާ ކެނެޑާގެ އިސް ޑިޕްލޮމޭޓަކު 5 ދުވަހުގެ ތެރޭގައި އިންޑިއާ އިން ބޭރުވުމަށް ވަނީ އަންގާފައެވެ.

ސިކް ލީޑަރު ހަރްދީޕު މަރާލީ ކެނެޑާގައި އޭނާ ދިރިއުޅޭ ބްރިޓިސް ކޮލަމްބިއާގައި ހުންނަ ސިކުންގެ ފައްޅިއެއްގެ ބޭރުގައި ވެހިކަލްގައި އިންދާ މޫނު ނިވާކޮށްގެން ތިބި 2 މީހަކު ގޮސް އޭނާ ގަޔަށް ބަޑިޖަހައެވެ.

މިހާދިސާ އާ ގުޅިގެން ކެނެޑާގައި ދިރިއުޅޭ 770،000 ސިކުން ރުޅިގަދަވެ ވަރުގަދަ މުޒާހަރާތައް ކޮށް ކެނެޑާ އާއި އެމެރިކާގައި ހުންނަ އިންޑިއާގެ މިޝަންތަކަށް ގެއްލުންދީފައި ވެސް ވެއެވެ. ކެނެޑާ އަކީ އިންޑިއާ ނަގާފައި ގައުމުން ބޭރުގައި ސިކުން އެންމެ ގިނައިން އުޅޭ ގައުމެވެ. ހަރްދީޕުގެ މަރާ ގުޅިގެން ސިކުންގެ ކޮމިއުނިޓީން ބުނެފައި ވަނީ އިންޑިއާ އާއެކު އޮންނަ މައުލޫމާތު ބަދަލު ކުރުމާއި، އިންޓެލިޖަންސް ހިއްސާ ކުރުން ވަގުތުން ނިމުމަކަށޤ ގެންނަން ޖެހޭ ކަމަށެވެ.

ސިކުން އިންޑިއާގެ ޕަންޖާބުގައި 'ހާލިސްތާން' ގެ ނަމުގައި ވަކި ދައުލެއް އުފެއްދުމަށް މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައި ވާ އިރު، އެ އަޑު އިތުރަށް ގަދަވެ ސިކުން އުޅޭ ދުނިޔޭގެ އެކި ގައުމުތަކުގައި މުޒާހަރާތައް ކޮށްފައި ވާއިރު، އިންޑިއާއިން ބުނެފައި ވަނީ ހާލިސްތާން އަކީ އިންޑިއާގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި އެ މޫވްމަންޓާ ގުޅޭ ގިނަ ޖަމާއަތްތަކަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅާ އިންޑިއާއިން ވަނީ ލިސްޓް ކޮށްފައެވެ.

ހަރްދީޕަކީ ވެސް ޓެރަރިސްޓެއްގެ ގޮތުގައި އެ ލިސްޓުގައި އޮތް މީހެކެވެ.