ހއ. ދިއްދޫ ފަރަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގެއް އުރި އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތް ކަމަށްވާ އެޗުއާރުއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މެއި މަހު އެކުންފުނީގެ ބާޖެއް ކަމަށްވާ "މުތާ ޕްރައިޑް" އަދި ޓަގު ބޯޓެއް ކަމަށްވާ "މުތާ ޕްރިންސެސް" ދިއްދޫ ފަރަށް އަރާފައިވާ ކަމަށާއި ބޯޓު ފުންކޮށްފައި ވަނީ ފަރަށް އެރިތާ ތިން ދުވަސް ފަހުން ކަމަށެވެ.

އެ ހާދިސާގައި ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޗުއާރުއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާ އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން އީޕީއޭއިން ބަލާފައިވަނީ 12 މޭއި ގައި ކަމަށެވެ. މިގޮތުން ބެލި ބެލުމުން 4038 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ފާހަގަވި ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މި ގެއްލުމުގެ ބަދަލުގައި އީޕީއޭއިން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 101،743،400 ރުފިޔާ ކަމަށް އީޕީއޭއިން ބުނެއެވެ. ނަމަވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައި އޮތުމުން ޖޫރިމަނާކޮށްފައިވަނީ އެންމެ ބޮޑު އަދަދު ކަމަށްވާ 100 މިލިއަން ރުފިޔާއިން ކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އީޕީއޭއިން އިތުރަށް ބުނީ، ބާޖު ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ އެކުގައި ފެށުމަށް ކުރަން ޖެހޭ ކަންތައްތައް، މި މައްސަލައިގެ އިސްތިއުނާފު މަރުހަލާއިން ނިންމާ ގޮތެއް މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.