ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް 35 ޕަސެންޓްގެ އެލަވަންސް ލިބޭ ގޮތަށް ރައީސް ހަމަޖައްސަވާފައި ވާ ކަމަށެވެ.
މި ނިންމުން އެމަނިކުފާނު ނިންމަވާފައި ވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 ޕަސެންޓްގެ އެލަވަންސް ހަމަޖެހުނު ނަމަވެސް ކައުންސިލްގެ މުވައްޒަފުން ހިމަނާފައި ނުވާތީ، އެކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަަމަށް ވެއެވެ.
އަދި މި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށް ދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި، ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް މި އެލަވަންސް ލިބޭނެ ގޮތް ހަމަޖެއްސާ ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
"ވުމާއެކު، ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް 35 ޕަސެންޓް އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް އޮކްޓޫބަރު 1، 2023 އިން ފެށިގެން މި 35 ޕަސެންޓް އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ." ރައީސް އޮފީހުން ބުނެފައި ވެއެވެ.
ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވާއިރު ދާދި ފަހުންވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރަ ބޮޑު ކުރި ފަހުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ބަލައި، ސިއްހީ ދާއިރާގެ މުސާރައަށާއި ތައުލީމީ ދާއިރާގެ އިނާޔަތަށް ބަދަލުތަކެއް ގެނެސްފައެވެ.
ޓީޗަރުން ނަށް އެކަނި ތޯ ހާޒިރީ އިނާޔަތް ދޭންޖެހެނީ