ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިޒާމީ ވޯޓަށް އެއްބަސްވެވަޑައިގެން ނަމަވެސް މަޖިލީހުގައި އެމްޑީޕީގެ މެންބަރުން މަދުވުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ ތާވަލް ކުރި މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުން ނުބާއްވަން ނިންމިއިރު މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަަބުން ފަސްކުރުމަށް ފަހު އެ ޖަލްސާވެސް ފެށުނީ 10 ޖެހިފަހުންނެވެ.
އިއްޔެގެ މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވާއިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރު ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަތަކުގެ ދޮށުގައެވެ. އެ މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ވަޑައިގެންފައި ނުވަނީ އިއްޔެ އެޖެންޑާގައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ހިމަނާފައި ވުމުންނެވެ.
އެ ގަރާރު މިއަދުވެސް އެޖެންޑާ ކޮށްފައި ވާއިރު އެ ގަރާރުގެ އިތުރުން ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުވެސް ވަނީ މިއަދަށް އެޖެންޑާ ކޮށްފައެވެ.
22 މެންބަރުން ހަމަވުމާއެކު މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ނިޒާމީ ވޯޓާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން ރައީސް ސޯލިހު އެއްބަސްވެވަޑައިގެންފައި ވާ ކަމަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު މަޖިލީހުގެ ތަޅުމުން ފެނިވަޑައިގަތީ އެމްޑީޕީގެ މަދު މެންބަރުންތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރުންގެ ތެރެއިން މިއަދު މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގެންފައި ވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށެވެ.
މާލޭގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ ދަ ޑިމޮކްރެޓްސްް އާ އެކު ކުރިއަށް ގެންދާ މަޝްވަރާގައި އެ ޕާޓީން ބާރު އަޅަނީ ނިޒާމު ކަަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓު ނަގަން ކަމަށެވެ. އެގޮތުން ޑިމޮކްރެޓްސްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، މިމަހުގެ 25 ގައި އެ ވޯޓް ނަގަން ކަމަށާއި އެހެން ނަމަވެސް އެއީ އެހާ ޕްރެކްޓިކަލް ކަމެއް ނޫން ކަމަށެވެ.