ޅ. ކުރެންދުއަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ގިނަ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މެދު ރާއްޖެތެރެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެރަށަށް ބޯކޮށް ވާރޭވެހި ގިނަ ގެތަކަކަށް ފެން ވަދެފައި ވާއިރު ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ މަދީހް ވިދާޅުވީ ރެއިން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އޭގެ ސަބަބުން ރަށުގައި ފެންބޮޑުވެ އޭގެ އަސަރު ގެތަކަށް ކޮށް އެކި ވަރުގެ ގެންލުންތައް ލިބިފައިވާ ކަަމަށެވެ. އަދި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށުގެ ކައުންސިލާއި ޑިޒާސްޓާ މެނޭޖްމަންޓުން ގުޅިގެން ކުރިއަށް ގެންދާ ކަަމަަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެމްއެންޑީީއެފްއާއި ފުލުހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު އާންމު ފަރުދުންގެ އިތުރުން އެކި މުއައްސަސާތަކުގައި އުޅޭ މީހުންގެ އެހީތެރިކަންވެސް ލިބެމުންދާ ކަމަށް މަދީހް ވިދާޅުވިއެވެ. ޖުމްލަކޮށް ލިބުނު ގެއްލުމުގެ މައުލޫމާތު މިހާތަނަށް ދެނެގަނެފައި ނުވި ނަމަވެސް ބައެއް ގޭގެ ފަރުނީޗަރުގެ އިތުރުން އިލެކްޓްރޯނިކްސް އާލާތްތަކަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދިވެސް ވިއްސާރަ އެއްކޮށް ނުހުއްޓާކަން ފާހަގަ ކުރަމުން މަދީހް ވިދާޅުވީ "އަދިވެސް ވިއްސާރަ އެއްކޮށް ހުއްޓާ ނުލާ، ކޮންމެސް ވަރަކަށް ވާރޭ ވެހޭ" ކަމަށެވެ. ލިބުނު ގެއްލުމުގެ ސަބަބުން ރަށު ސްކޫލްގެ ކިޔެވުންވެސް މެދު ކަނޑާލާފައިވާ ކަމަށާއި ބައެއް ގޭގެއިން ކަރަންޓްވެސް ކެނޑިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ރަށުގެ ގިނަ ގެތަކަށް ހުރީ ފެނުގެ އަސަރުކޮށްފައެވެ. މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ މެޓް އޮފީހުން ވަނީ އިއްޔެ ކ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.
އަދި މިއަދުވެސް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ނެރުނު ސަމާލުގައި ވެއެވެ. މި ސަމާލު ނެރެފައި ވަނީ މި އަދު ހެނދުނު 06:30 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށެވެ.