މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް، އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެކެވެ. ކައިރީގައި އިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޓޭލާ ސްވިފްޓެވެ. ކެޕްޝަންގައި އެންމެ ގާތް އެކުވެރިޔާ ޖެހުމަށްފަހު އޭނާ ވަރަށް ގަދަ ވާނެ ކަމަށް ބުނެފައިވެއެވެ.

އާންމުގޮތެއްގައި އެއް އިންޑަސްޓްރީއެއްގައި މަސައްކަތްކުރާނަމަ ޖައްސާލުމާއި ހަސަދަވެރިކަން އޮވެއެވެ. ނަމަވެސް މި ދެފަންނާނުން ދައްކައިދެނީ ނަމޫނާއެވެ. މިއުޒިކް އިންޑަސްޓްރީގައި ގާތް ގުޅުމެއް އުފައްދާ މި ދެތަރިންނަކީ ހަގީގީ ދިރިއުޅުމުގައި ވެސް އެންމެ ގާތް ދެއެކުވެރިންނެވެ. ނިމިދިޔަ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށްފަހު ދެމީހުން އެއްކޮށް ޗުއްޓީ ހަދާލީއެވެ. އެމެރިކާގެ ރޮޑް އައިލެންޑްގައި ހުންނަ ޓޭލާގެ ހޮލިޑޭ ހައުސްގައި ދެމީހުން ޗުއްޓީ ހޭދަކުރަމުން އަންނައިރު އެތަނުގައި މެންދުރު ކެއުމަށް އިންސާފުކުރަން ތިބެ ދެމީހުން އެއްކޮށް ފޮޓޯއެއް ނެގުމަށްފަހު ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެއާއެކު ކޮމެންޓް ސެކްޝަންގައި އެންމެ އަޑުގަދަ ކޮމެންޓަކަށްވީ ޓޭލާ އާއި ސެލީނާގެ ޑުއޯ މިއުޒިކް އެއް އަޑުއިވެން ބޭނުންވާ ވާހަކައިގެ ކޮމެންޓެވެ.

އަބަދުވެސް ރީތި މިއުޒިކްތަކެއް އާންމުންނާ ހަމައަށް ގެނެސްދޭ މިދެފަންނާނުން ވެސް ނިމިދިޔަ އެމްޓީވީ ގެ އެވޯޑު ހަފްލާގައި ވަނީ އެވޯޑު ހާސިލްކޮށްފައެވެ. އެ ހަފްލާގެ އެންމެ ގިނަ އެވޯޑު ނުވަ އެވޯޑާއެކު ޓޭލާ ސްވިފްޓް އަށް ލިބުނުއިރު ސެލީނާ އަށް ވަނީ ރެމާ އާއެކު އޭނާ ކިޔާފައިވާ ލަވަ "ކާމް ޑައުން" އަށް ބެސްޓް އެފްރޯބީޓްސްގެ އެވޯޑު ލިބިފައެވެ.