ގޯއްޗާއި ފްލެޓް ލިބިފައިވާ މީހުން، އެމީހުން ދިރިއުޅެމުންދާ ތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީން ބޭއްވި މާފަންނު ކަންމަތި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވަރަށް ކުދި ކުދި ތަންތަނުގައި މީހުން ދިރިއުޅެމުން ދާއިރު، އެތަންތަން ދޫކޮށްލަން ޝަރުތުކުރުމަށް ފަހު ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

އެހެން ކަމުން އޭނާގެ ވެރިކަމެއްގައި ގާނޫނާއި ގަވައިދުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މިހާރު ދިރިއުޅެމުންދާ ކުދި ތަންތަން ދޫކޮށްލަން ނުޖެހޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ [ކުއްޖަކު] ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފަ ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ."
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވާހަކަ ދައްކަވަމުން ވަނީ އެކަން އެގޮތަށް ކުރުމަށްޓަކައި ކޮންމެހެން ގާނޫނަށް ބަދަލު ގެންނަން ވެސް ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުޅެމުންދާ ތަންތަން ދޫކޮށްލަން ޝަރުތު ކުރަމުން ދަނީ ގާނޫނު މާނަކުރާ ގޮތް ހަރުކަށިވުމުން ކަމަށާއި ގާނޫނުގައި އޮންނަނީ އެކަކަށް ދެ ބަންޑާރަ ގޯތި ނުލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ބަހައިގެން ލިބިފައި ހުންނަ ކުދި ކުދި ތަންތަންކޮޅަކީ ބަންޑާރަ ގޯތި ކަމުގައި ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތައް ދިން އިރު 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް އޮތް ނަަމަ އެތަން ދޫކޮށްލާކަށް ނުޖެހޭ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރައްވާނީ އެފަދަ ގޮތަކަށް ކަމަށެވެ.

މި ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ޝަރުތުތަކުގެ ތެރެއިން މާލޭގައި މިހާރު ގޯއެއްޗެއް އޮތް މީހެއް ނަމަ ނުވަތަ ގޯއްޗަކުން ވާރުތަވާ ބައެއް އޮތް ނަމަ އެ ބައި ދޫކޮށްލަން އެއްބަސްވާން ޖެހެއެވެ. އެގޮތުން މި ސްކީމުގެ ރަޖިސްޓްރީގައި ސޮއިކޮށް އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ދާއިރު، އެ އެއްބަސްވުމުގައި ވަނީ ދޫކޮށްލަން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރާތާ ދެ އަހަރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އާބާދުނުވާ ސަރަހައްދަކުން ގޯތި ލިބުނު މީހުންނަށް އެއީ އިންސާފުވެރި މުއްދަތެއް ނޫން ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރުމުން އެ މުއްދަތު ހައުސިން މިނިސްޓްރީން ވަނީ 5 އަހަރަށް އިތުރު ކޮށްފައެވެ.