ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ދިނުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ އަންބަކު ނުވަތަ ފިރއަކު ހުރެއްޖެ ނަމަ ފްލެޓް ލިބޭނީ ގޯތި ދޫކޮށްލުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ސަރުކާރުން އަންމު ކުރި ފްލެޓް ލިސްޓާ ގުޅިގެން 8602 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ. މި ޝަކުވާތަކަށް ބެލުމަށް ފަހު 4000 ފްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތައް ހާމަކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ، މިހާރު ފްލެޓް ދޭން ނިންމާފައި މި ވަނީ ކުރީ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި އާންމު ކުރި ލިސްޓަށް ކަމަށެވެ. އަދި މި ގޮތަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނަިއބާ އެކުވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނެއެވެ.
އެ ލިސްޓަށް ފްލެޓް ދޭ އިރުގައި ވެސް ބައެއް ކަންކަމަށް ބަލައި ޝަރުތު ހަމަނުވާ ފަރާތްތަކަށް އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން ފްލެޓް ލިބިފައި ތިބި މީހުންގެ ތެރޭގައި 305 މީހުންގެ އަނބިން ނުވަތަ ފިރިންނަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފަދަ ފަރާތްތަކަށް ފްލެޓް ނުލިބޭނެ ކަމަށާއި ފްލެޓް ލިބޭނީ އެ ފަރާތެއް އަންބެއް ނުވަތަ ފިރިއަކަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެ ފަރާތުން އެއްބަސްވުމުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މިއީ އެއް އާއިލާއަކަށް އެއް ބޯހިޔާވަހިކަން ދިނުމަށް މި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ބޯހިޔާވަހިކަން ދިނުމަށް ނިންމި ނިންމުމެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ބިންވެރިޔާ ސްކީމްގެ ކުރިއަށް ގެންގޮސްފައި ވަނީ އެ އުސޫލުން ކަމަށާއި ގެދޮރުވެރިޔާ ސްކީމް ވެސް ކުރިއަށް ގެންދާނީ އެ އުސޫލުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ހަމައެއާއެކު ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓަށް ބަލާއިރު ދެމަފިރިންނަށް ވެސް ފްލެޓް ލިބިފައި ހުރިކަން ފާހަގަ ކުރަމުން މުއްތަލިބް ވިދާޅުވީ، އެފަދަ 391 ފަރާތެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ފްލެޓް ލިބޭ މީހުންގެ ތެރެއިން 302 މީހުންނަކީ އެމީހުންގެ ނަން މަތީ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަަދި ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ލިސްޓުގައި ހިމެނޭ ފަރާތެއް ޝަރުތު ހަމަނުވާ ނަމަ އެކަން އަންގައި އެފަރާތައް އެޕީލް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ހަމައެއާއެކު އެ ލިސްޓާ އެއްގޮތަށް ފްލެޓް ނަންބަރު ގުރުއަތު ނަގާފައިވާ ފަރާތެއްގެ ފްލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑައެޅޭނީ، އެފަރާތަކަށް ފްލެޓް ނުލިބޭ ސަބަބު އަންގައި އެޕީލް ކުރުމުގެ ފުރުސަތު ދިނުމަށް ފަހު، ފްލެޓް ނުލިބޭ ކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ފްލެޓް އެހެން ފަރާތަކަށް ދޭ އިރު ދޭނީ ނޮވެމްބަރު 15، 2023 ގައި ނެރުނު ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މީހަކަށް ކަމަށާއި، އެ ލިސްޓުގެ ބޭރުން މީހަކަށް ފްލެޓް ނުދޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.