ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރި ފަރެސްމާތޮޑާ އެއާޕޯޓްގެ އެސިސްޓަންޓް މެނޭޖަރެއްގެ މަގާމުގައި ހުރި މީހަކު ވަޒީފާއިން ވަކިކޮށްފި ކަމަށް އިދިކޮޅުން ބުނެފިއެވެ.

ވަޒީފާއިން ވަކި ކުރިކަން އަންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ވަނީ ފަރެސްމާތޮޑާ އެއާޕޯޓްގެ އެސިސްޓަންޓް މެނޭޖަރު ހުސެއިން ރަޝީދަށް ލިޔުން ދީފައެވެ. އޭނާ ވަޒީފާއިން ކަނޑާލި އިރު ހުރީ ޕްރޮބޭޝަން މުއްދަތުގައެވެ.

އެ ލިޔުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކި ކުރީ އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާ ނުކުރާތީ ކަމަށެވެ. އެގޮތުން ވަޒީފާ އާ ބެހޭ ގާނޫނުގެ 22 ވަނަ ނަންބަރަށް ރިއާޔަތްކޮށް ވަޒީފާގެ މަސްއޫލިއްޔަތު އެދެވޭ ފެންވަރެއްގައި އަދާ ނުކުރުމުގެ ސަބަބުން ވަޒީފާ ބަޔާނުގައިވާ ވަޒީފާގެ ވަގުތީ މުއްދަތުގެ ތެރޭގައި ހުސެއިން ރަޝީދު ވަކި ކުރަން ނިންމާފައިވާ ކަމަށާއި، މިއަދަކީ އޭނާގެ ވަޒީފާގެ އެންމެ ފަހު ދުވަސް ކަމަށް އެ ލިޔުމުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ހުސެއިން ރަޝީދު ވަޒީފާއިން ވަކި ކުރީ މުއިއްޒަށް ތާއީދު ކޮށްގެން ކަމަށް ބުނާ އިރު، މި ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގެ ތެރޭގައި ސަރުކާރުން ވަޒީފާގެ ބިރު ދައްކާ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން ސަރުކާރަށް ތާއިދު ނުކުރާ ކަމަށް ވަންޏާ ވަޒީފާއިން ކަނޑާލަ ފާނެ ކަމަށް ވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ ފަދަ ބިރަށް ފަހަތަށް ނުޖެހި ޕީއެންސީ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އިިދިކޮޅުން ބުނެއެވެ.

ރޭ ށ. ފުނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ މި މައުޟޫއަށް ވަރަށް ފުޅާކޮށް ވާހަކަ ދައްކަވާފައެވެ. އެ ގޮތުން މި ސަރުކާރުގެ ވަޒީގައި ތިބި މީހުންނާއި ސަރުކާރު ކުންފުނިތަކުގައި ވަޒީފާގައި ތިބި މީހުން ވަޒީފާގެ ބިރުގައި ރައީސް ސޯލިހަށް ތާއިދު ކުރަން ނުތިބުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ކުރިއަށް އޮތް 10 ވަކަށް ދުވަސްތެރޭގައި ވަޒީފާއިން ވަކި ކުރާ މުވައްޒަފުންގެ ތެރެއިން ސިޔާސީ މަގާމުތައް ނޫން މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާ އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެއީ ޕްރޮބޭޝަން މުއްދަތުގައި ތިއްބާ ވަޒީފާއިން ކަނޑާލި ކަމުގައި ވިޔަސް ވަޒީފާ އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.