އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމަށް، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ކުރި ފުރައްސާރައިގެ ސަބަބުން ވީ ފައިދާކަމަށް ފަޒްނާ ވިދާޅުވެއްޖެއެވެ.

ފަޒްނާ ވިދާޅުވީ އެކަމަނާ މިއަދު ހުޅުމާލެ ފޭސް 2 އަށް ދޮރުން ދޮރަށް ހިންގެވުމަށް ވަޑައިގެންނެވުމުން އެތަނުގައި ތިބި ބޮޑު ދެ ފިރިހެނަކު އެ ކަމަނާގެ ފަހަތްޕުޅުން ފުރައްސާރަ ކުރަމުން ހިނގި ކަމަށެވެ. އަދި އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި އެކަމަނާ ފާހަގަ ކުރެއްވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒް، ހުޅުމާލެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއުއަށް ގުޅުއްވުމުން “އެހެން ހޭ، ތަންކޮޅެއްދެން ހަޔާތް ކުޑަ ދޯއޭ، ތިމަންނަ މިހިރީ ރައްޖެއިން ބޭރުގައޭ، މި ބަލަނީ އޭ” ވިދާޅުވެފައި ވާ ކަމަށެވެ. އަދި ނިޔާޒު އިދިކޮޅު ކެންޑިޑޭޓާ ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށާއި ކުރެއްވި މެސެޖަށް ވެސް އަދި މިހާތަނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ފަޒްނާ އިތުރަށް ވިދާޅުވި “އާންމުން ނުކުމެ އޭނާއަށް ބާޣީ އޭ ގޮވާނީ” ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިނޑި އަމަލެއް ކަމަށެވެ. އަދި އާންމުން ނުކުމެ އަކަމަނާއާ ފުރައްސާރަ ނުކުރާނެ ކަމަށާއި މަގުމައްޗަށް ނުކުމެވަޑައިގެންނެވީ އަލަކަށް ނޫން ކަމަށާއި އެ ދެ މީހުން ފުރައްސާރަ ނުކުރިނަމަ އެތަނަށް އެކަމަނާ ވަޑައިގެންކަން ގިނަމީހުނަށް ނޭނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، އެ ދެނީހުންގެ އެ ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ މީހުން އައިސް ސަލާންކޮށް ގައިކޮޅުގައި ފިރުމާ އެކުގައި ފޮޓޯނަގަން އެދުނު ކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ. އަދިހަމައެއާއެކު ވަޑައިގަތުމަށް ޝެޑިއުލް ކުރައްވާފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބިވަޑައިގެން ކަމަށާއި މަޣްރިބް ނަމާދައް ގޮވުމާއި އަދި އެހެން މީޓިންނެއް 6:30ގައި އޮތުމުން ކެމްޕެއިން މިއަދަށް ނިންމަވާލެއްވީ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ،

ފުރައްސާރަ ކުރުމުން ޖެހިލުން ވެ ވަޑައިނުގެންނެވި ނަމަވެސް އެއީ ސީރިއަސް މައްސަލައެއްކަން ފާހަގަ ކުރައްވާ ފަޒްނާ ވިދާޅުވީ ކެންޕެއިން ކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ﷲ ގެ ތަނަވަސް ތަހުމަތްފުޅާ އެކު ރައީސް ސޯލިހް 2 ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާނެ ކަމަށެވެ.