ތިލަފުށީ ފަޅުން އިތުރު 4 ސަރަހައްދެއް ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް، ތިލަފުށި ބެލެހެއްޓުމުގެ ކަންކަމާ ހަވާލުވެފައިވާ އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ތިލަފުށީގެ އޭރިއާ (ސީ) އަދި (ޑީ) ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އަދި އޭރިއާ (ބީ) ހިއްކުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ތެރެއިން އެރިއާ (އޭ) އިން 71.5 ހެކްޓަރުގެ ބިން ހިއްކާއިރު، އެރިއާ (ބީ) އިން 39.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި މީގެ އިތުރުން އޭރިއާ (އީ) އިން 5.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު އޭރިއާ (އެފް) އިން 0.73 ހެކްޓަރު ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ތިލަފުށީގެ ބިން ހިއްކާ ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އަދި މީގެ އިތުރުން މާލެ ސަރަހައްދު ތަރައްގީކުރުމަށް އެހީއަކަށް ވެގެންދާއިރު، އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަހައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމައަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކޮށް އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެއެވެ. އެއާއެކު ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތައް ލިބިގެންދާނެއެވެ. މި މަޝްރޫއަކީ އާބަންކޯ އަދި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.