ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ވައުދާއެކު ހދ. ވައިކަރަދޫގައި ސްކޭޓް ޕާކެއް ހަދަން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގެ ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ހދ. ވައިކަރަދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވައިރަދޫގައި ސްކޭޓް ޕާކެއް ހެދުމަށް ޒުވާނުން އެދިފައިވާ ކަމަަށާއި އެކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވަނީ ވައިކަރަދޫން އޭނާއަށް ކިއި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ، އެރަށަށް ވަޑައިގަތުމަކީ އުފަލެއް ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ސިޔާސީ ވިސްނުމަށް ނުބައި އެ ރަށުގެ ތަރައްގީއަށް ކޮށްދެއްވަން ވިދާޅުވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު މީގެ ކުރިން ވެސް ވަނީ މުއިއްޒު ވަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި އެރަށެއްގެ ނިސްބަތަށް ބަލައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

ކެމްޕެއިންގެ 2 ވަނަ ބުރަށް މުއިއްޒު އުތުރަށް މިހާރު ކުރައްވާ ދަތުރުގައި ހއ. ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ