ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގުޅުން ހީނަރު ކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ދޮގު ހަބަރު ފަތުރަމުން ދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ގޮވާލައިފިއެވެ.

މިއަދު ހެނދުނު އެ އެމްބަސީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް އަސަރު ކުރާނެފަދަ ދޮގު ހަބަރުތަކެއް ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުން ދާކަން ފާހަގަ ވެފައިވާ ކަމަށެވެ. އެ ހަބަރުތަކުގެ ސަބަބުން ދިވެހިންގެ ހިތްތަކުގައި ޗައިނާއާ ދޭތެރޭ ނަފުރަތު ނުއުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ޗައިނާއިން ނުބެހޭނެ ކަމަށާއި ޗައިނާއިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަމަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދީ، އަދި އިޖުތިމާއީ ކުރިއެރުމަށް ކުރެވިފައިވާ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ދޮގު ހަބަރު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ، އެކަން ތަހުގީގު ކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައި ވާނެ ކަމަށް ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައި ވެއެވެ.

ޗައިނާއިން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައި ވާއިރު ދާދިފަހުން އަވައްޓެރި އިންޑިއާއިން ވެސް ވަނީ އެ ގައުމާ ގުޅުވާ ރާއްޖޭގެ ބައެއް މީޑިއާތަކުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ އެކަން ބަލާ ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެފަދަ ހަބަރުތައް ފަތުރަމުން ދަނީ އިންޑިއާ އާ ދެމެދު އޮތް ގުޅުން ހީނަރު ކުރުމަށް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

މި ސަރުކާރުން ގެންގުޅެމުން ދަނީ އިންޑިއާ ފަސްޓު ޕޮލިސީ ކަމަށް ވާއިރު އިދިކޮޅު ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާފައި ވަނީ ޗައިނާއާއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅު ކުރަމުންދިޔަ ނަމަވެސް ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮންނަ ކަމަށާއި، އަދި ހަމައެހެންމެ އެ ގައުމުގެ ސިފައިން ހަތިޔާރާ އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.