އެރަށެއްގެ ނިސްބަތަށް ބަލާފައި އެރަށަކަށް ބޭނުންވާ ތަރައްގީ ގެނެސް ދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގައި ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ހދ. ހިރިމަރަދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް ނިސްބަތުން އެރަށެއްގެ އުމްރާނީ ތަރައްގީ އާއި އިގުތިސާދު ކުރިއެރުމަށް ވަޒީފާގެ ގޮތުން ހުރި ފުރުސަތުތަކަށް ބަލައިގެން އެރަށަކަށް ބޭނުންވާ އެންމެހާ ކަންކަމަށް ސަމާލުކަން ދެއްވާ ތަރުތީބުކޮށް ބަޖެޓުގެ ތެތެރެއިން ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ހިރިމަރަދޫ ބަނދަރު މިހާރު ވަރަށް ތިލަ ކަމަށާއި އެއީ ހަމަ ކޮންމެ ރަށެއްގައިގެން ދިމާވާ ކަމެއް ކަަމަށެވެ. މިމައްސަލަ ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނާއި އަދި ސަރުކާރުން ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އެމައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅިވަރު ކުޅޭނެ ފެންވަރު ރަނގަޅު ޓާފް ދަނޑެއް ޒުވާނުންނަށްޓަކައި ހައްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސްކޫލުތަކަށް ވެސް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، ހިރިމަރަދޫގައި ސްކޫލުގެ ކްލާސްރޫމްތައް އިތުރު ކޮށްދެއްވާނެ ކަމަށެވެ.

މިސަރުކާރުން ސިއްހީ މަރުކަޒުތަކަށް ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެރަށުގައި ވެސް ސިއްހީ މަރުކަޒު ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.