އެއްބަސްވުމުގައި ސޮއިކުރަން ޕީޕީއެމް އިން ބޭނުން ނުވާތީ ދަ ޑިމޮކްރެޓްސް އިން މިހާރު މަޝްވަރާ ކުރަނީ ހަމައެކަނި އެމްޑީޕީއާ އެކު ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރޭ ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވަނީ ޕީޕީއެމް އާއެކު ކުރެވުނު މަޝްވަރާ ތަކުން ފާހަގަ ކުރެވުނީ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށް ދާން އެ ޕާޓީއިން ބޭނުން ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިނުކޮށް މަސައްކަތެއް ކުރަން ދަތި ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

ހަސަން ވިދާޅުވީ އެމްޑީޕީއަށް ވެސް ހުށަހެޅުމެއް ހުށަހަޅާފައި ވާނެ ކަމަށާއި އެ ހުށަހެޅުމަކީ ޕީޕީއެމްއަށް ވެސް ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އަދި އެއީ ނިޒާމީ ވޯޓަކަށް ދިއުމުގެ ހުށަހެޅުން ކަމަށާއި ޑިމޮކްރެޓްސް އިން ހުށަހަޅާ ގޮތަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިއަށް، މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނަގަން ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ނެގޭ ފެންނަ ނުފެންނަ ވޯޓަކީ ރާއްޖޭގައި އޮންނަން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނެގޭ ވޯޓެއް ކަމަށާއި އެ ކަމާ ގުޅިގެން ކުރެވޭ މަޝްވަރާތަކުގައި އެމްޑީޕީއަކުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ. އަދި ނިޒާމަށް ބަދަލުގެންނަން މި ވަގުތަށް ޑޮމޮކްރެޓުންނަށް ފެންނަ ސަބަބަކީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ރިޔާސީ ނިޒާމަކަށް މި ރާއްޖޭގައި ވެރިކަން ކުރުން އެއީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ކުރެވެން އޮތް ކަމަކަށް ނުވާތީ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ގާނޫނު އަސާސީ ބައްޓަން ކޮށްފައި އޮތީ ރިޔާސީ ނިޒާމަކުން ވެރިކަން ކުރާ ގޮތަށް ކަމުގައި ވީ ނަމަވެސް ރައީސަކު އިންތިހާބު ކުރާ ގޮތަށް ބަލާއިރު މިހާރު ގާނޫނު އަސާސީ އޮތް ގޮތުން އެއީ ރައީސް އަކަށް ކުރިމަތިލާ މީހަކަށް އެކަނި ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

މީގެ ކުރިންވެސް އެ ވާހަކަތައް ތަކުރާރުކޮށް ދެއްކެވިކަން ފާހަގަ ކުރައްވާ ހަސަން ވިދާޅުވީ ރިޔާސީ އިންތިހާބަކުން ޕާޓީީތަކުން ވާދަކުރި ނަމަވެސް އެއްވެސް ޕާޓީއަކަށް 50 ޕަސެންޓް ނުލިބުމުން ދެވަނަ ބުރުގައި ވާދަކުރަން ޖެހެނީ ކޯލިޝަނަކާއެކު ކަމަށެވެ.

ހަސަން ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކުރުމާއި ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން މިކަން ރަނގަޅު ކުރުމަށް ފަހު ދައުލަތުގެ ނިޒާމުތައް ހިނގާނެ ގޮތަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ބާރު އެމްޑީޕީއަށް ލިބިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބާރުތައް ތަޣައްޔަރު ވެގެން ދާތަން ފެންނަ ކަން ފާހަގަ ކުރައްވާ ހަސަން ވަނީ އެކަން ނިންމުމުގެ އިހުތިޔާރު ހަގީގަތުގައި ރައީސްގެ އަތްޕުޅުގައި އޮތް ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ. އެ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.