ވޭތުވެދިޔަ ސަރުކާރުތަކުގައި ސިއްހީ ނިޒާމަށް މާ ބޮޑަށް އަޅާލެވިފައި ނުވާ ކަމަށާއި، އެކަމަކު އޭނާގެ ސަރުކާރެއްގައި ސިއްހީ ނިޒާމު ރަނގަޅުކޮށް، ފުރިހަމަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އދ. މަހިބަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އޭނާގެ ސަރުކާރެއްގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ކޮށްދެއްވާނެ ބައެއް ކަންކަން މިރޭ ހިއްސާކުރައްވައިފައެވެ.

ފުރަތަމަ ކަމަކަށް މުއިއްޒު އަލިއަޅުވާލެއްވީ ރާއްޖޭގައި އޭޑީއެޗްޑީ އަށް ފަރުވާކުރަމުންދާ ކުދިންގެ ކަންތައްތަކަށެވެ. އެގޮތުން ރާއްޖޭގައި 4،000 އަށް ގިނަ ކުދިން އޭޑީއެޗްޑީ އަށް ފަރުވާކުރަމުންދާ ކަމަށް އޭނާ އެއްކުރި ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި ކޮންމެ ކުއްޖަކަށް މަހަކު 18 ހާހަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ. އާންމު ގޮތެއްގައި އާދައިގެ ސިވިލް ސާވަންޓުންނަށް މުސާރައިގެ ގޮތުުގައި އެ ލިބޭ ހަ ހާސް ރުފިޔާ އިން ބޮޑު ބައެއް ހަރަދުކޮށް ހުސްވާނެ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އޭނާގެ ސަރުކާރެއްގައި އޭޑީއެޗްޑީ އަށް ފަރުވާކުރަމުންދާ ކުދިންގެ އާއިލާތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ހާއްސަ އެލަވަންސެއް ތައާރަފްކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްވެސް ސަރުކާރަކުން 'ޕްރިވެންޓިވް ހެލްތު ކެއާ،' ނުވަތަ ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މާ ބޮޑު ސަމާލުކަމެއް ދެވިފައިވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށާއި، އެގޮތުން އާންމުންގެ މެދުގައި ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދީ، ތަމްރީނު ޕްރޮގްރާމްތައް ހިންގައި އާންމުންގެ މެދުގައި ހޭލުންތެރިކަން އުފައްދާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު ހަކުރުބަލީގެ ހުރިހާ ބާވަތްތަކަށް ފަރުވާ ހޯދޭނެ ނިޒާމަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޑައަލިސިސް ސެންޓަރެއް މާލެ އާއި ރާއްޖޭގެ މުހިންމު ސަރަހައްދުތަކުގައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް މުއިއްުޒު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ތެލަސީމިއާ ބަލީގައި މަރުވާ ކުދިންގެ އަދަދު 22 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި، މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދަމުންދާ ކުދިންނަށް އެ ތަނުން ހިތްހަމަޖެހުން ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ތެލަސީމިއާ ސެންޓަރު ވާން ޖެހޭނީ ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހިތްހަމަޖެހުން ލިބޭ، ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ތިބޭ، އަދި ރަނގަޅަށް ފަރުވާ ދެވޭ ވަރުގެ ތަނަކަށެވެ.

އެހެންކަމުން މާލެ އާއި ހުޅުމާލޭގައި ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް އިމާރާތްކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުން ހުރީ ސިއްހީ ނިޒާމަށް ދިމާވެފައި ހުރި ބައެއް މައްސަލަތައް އަޅާނުލެވި ދޫކޮށްލެވިފައެވެ.

"މި ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ އެއީ އަޅުގަނޑުމެންނަށް އަޅާނުލެވި ދޫކޮށްލެވިފަ ހުރި ކަންކަން ކަމުގަ ވާތީ، އަޅުގަނޑުމެން މި އަންނަނީ ފުރިހަމަ، ވީހާ ވެސް ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމްކުރަން، އޯގާތެރި ސަރުކާރެއް ގާއިމްކުރަން، އެހެންވީމާ މިހިރަ ކަންކަމަކީ ސަމާލުކަން ދޭން ޖެހޭ ވަރުގެ ކަންކަން،" އޭނާ ވިދާޅުވިއެވެ.