އެމްޑީޕީން ދެވަނަ ބުރުގައި ގެންގުޅޭ ސްޓްރެޓަޖީ އަކީ ދޮގު ހެދުން ކަމަށް ވިދާޅުވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް އއ އަތޮޅު ފެރިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިސަރުކާރުން "ދެން ދޮގު ހަދަނީ ވެސް ވަކިވަރެއް ބަަލާފައެއް ނޫން" ކަމަށާއި މި ސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރެޓަޖީ އަކީ ދޮގުހެދުމުގެ ސްޓްރެޓަޖީ ކަމަށް އޭނާއަށް ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ރައްޔިތުން މާ ހޭލުންތެރި ކަމަށާއި އެ ދައްކާ ވާހަކަތަކާ މެދު މާ ބޮޑަށް ކަންބޮޑު ވެވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ހަގީގަތާ ހިލާފު އެތައް ވާހަކައެއް ކޮންމެ ދުވަހަކު ވެސް ފަތުރާ ކަމަށާއި އެ ވާހަކަތައް އަޑު އިވިއްޖެނަމަ އޭނާގެ އަރިހުން އެކަން އޮޅުން ފިލުވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މި ސަރުކާރުން ދައުލަތުގެ އެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވަނީ ވަޒީފާގެ ބިރުވެރިކަމުގެ ތެރޭގައި އާންމުން ނުތިބުމަށާއި އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން މިހާރު ތިބީ ސަރުކާރު ބަދަލުކުރަން ބޭނުންވެފައި ކަން ފުރަތަމަ ބުރުގެ ނަތީޖާއިން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ނިންމުން ފައިނަލް ކޮށްދިނުމަށް މިމަހު 30 ވަނަ ދުވަހު ނުކުތުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މީގެ ކުރިން ވެސް މުއިއްޒު ވަނީ ރަށްރަށް ވަޑައިިގަންނާއިރު މަރުހަބާ ކިޔަން ނިކުންނަން ކުންފުނިތަކުގައި ވަޒީފާގައި ތިބި މުވައްޒަފުން ބޭނުންވި ނަމަވެސް އެކުންފުނިތަކުގެ އެރަށެއްގެ މެނޭޖަރުން ތިބެނީ މުވައްޒަފުން ނިކުމޭތޯ ބަލަން ކަމަށް ކަމަށް ވިދާޅުވެ ފާދުވިދާޅުވެފައެވެ.

ވަޒީފާ ދެނީ މީހަކަށް ވަކި ގޮތަކަށް ތާއީދު ކުރުމަށް ޝަރުތު ކޮށްފައި ނޫން ކަމަށާއި އެހެންކަމުން އެކަން އެހެން ކޮށްގެން ނުވާނެ ކަމަށް އޭރުވެސް މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ. މުއިއްޒު ވަނީ ވަޒީފާއިން ވަކިކޮށްފިނަމަ އިންތިހާބު ކާމިޔާބު ވެވަޑައިގަތުމުން ވަޒީފާ އަނބުރާ ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގެ ތެރެއިން މުއިއްޒު މިއަދު އއ އަދި އދ ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ 101،635 ވޯޓުން ކުރި ހޯއްދަވާފައެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަތުން 46.06 ޕަސެންޓެވެ. މި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ 86،161 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.

މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓުލިބިފައި ނުވާއިރު، އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.