ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ދޫކޮށްލުމަށް ފަހު ދާދި ފަހުން ރައީސް ނަޝީދު އިސްކޮށް ހުންނަވާ އުފެއްދި 'ދަ ޑިމޮކްރަޓްސް' އާ ގުޅުނު މެންބަރުން އަލުން އެނބުރި އެމްޑީޕީއަށް ދިޔުމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ގޮވާލުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައްދު ދެއްވައިފިއެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝިޔާން މިގޮތަށް ގޮވާލައްވާފައި ވަނީ ރޭ ސޯސަންމަގުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާން ވިދާޅުވީ އެމްޑީޕީ ދޫކޮށް ވަޑައިގެންނެވި ނަމަވެސް، ޑިމޮކްރެޓްސްގެ މެމްބަރުންނަކީ އަދިވެސް އެމްޑީޕީގެ މެމްބަރުން ކަމަށާއި އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އަދި އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި އޮތީ ވެސް އެ ބޭފުޅުންނާ އެކު ކަމަށާއި ޖެހޭ ކުޑަކުޑަ މައްސަލައެއްގެ ތެރޭގައި އަބަދު ތިބުމަކީ ގައުމަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށްވެސް ޝިޔާން ވިދާޅުވެފައި ވެއެވެ.

އަދި ހަމައެހެންމެ "މުއިއްޒު ޔާމީންއާ ގުޅިގެން ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރި ދުވަސް ހަނދާން ނެތުނީތޯ؟" ސުވާލު އުފައްދަވާ ޝިޔާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ސަރުކާރަކަށް ވޯޓު ދޭން ހެޔޮ ނުވާނެ ކަމަށާއި މުއިއްޒަކީ ޔާމީނަށް ވުރެ އަނިޔާވެރި ބޭފުޅެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ހަސަން ލަތީފް ވިދާޅުވީ، ގިޓާމެން އެކަހަލަ ވާހަކަތައް ދައްކަވަނީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން ކަަމަށެވެ. ޝިޔާން އަށް އިޝާރާތް ކުރައްވަމުން ހަސަން ވިދާޅުވީ "ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަން ވާނެ ގިޓާ މެން ކަހަލަ ބޭފުޅުން ކޮޅަކަށް އެ ދެއްވި އެއްޗެއް ދެއްވައިގެން އެކުދިން ލައްވާ ތިޔަކަހަލަ ވާހަކަތައް ދެއްކުވިޔަސް ޑިމޮކްރެޓްސްގެ މެމްބަރުންނާއި ސަޕޯޓަރުން އެމްޑީޕީއަށް އަދި އެހާ ފަސޭހައިން ނުލެނބެވޭނެ" ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޑިމޮކްރަޓްސް އަށް ލިބިފައި ވަނީ 15،839 ވޯޓާއެކު އިންތިހާބުގެ ތިން ވަނައެވެ. އެއާއެކު އިންތިހާބުގެ ކިންގް މޭކާ ގެ ލަގަބު މިފަހަރު ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީއާއި ޕީޕީއެމްއާ އެކުވެސް ކޯލިޝަނެއް ހަދަން އެ ޕާޓީން މަޝްވަރާތައް ކުރިއެވެ. ނަމަވެސް އަދި ނަތީޖާއެއް ނުފެނެއެވެ.

މިހާތަނަށް އެޕާޓީން ތާއީދު ކުރާނެ ވަކި ފަރާތެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު އެ ޕާޓީގެ މެންބަރުން ތަކުރާރު ކޮށް ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނާރާނެ ކަމަށެވެ. އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.