އއ. ބޮޑުފުޅަދޫގައި ބިން އިތުރުކޮށް، ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް އއ އަތޮޅު ބޮޑުފުޅަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ބިން އިތުރުވެގެން ދިޔުމަކީ ރަށުގެ އުންމީދުތަކާއި ޒުވާނުންނާއި ކަނބަލުންނާއި އެކިއެކި ވިޔަފާރިތައް ކުރާ ފަރާތްތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އޭގެ ތެރޭގައި ކުޅިވަރުގެ އެކި ކަހަލަ ވަސީލަތްތައް ގާއިމް ކުރުމަށްޓަކައި ދަނޑުތައް އެޅުމަށާއި ސްޕޯޓްސް ކްމްޕޮލެކްސް ގާއިމް ކުރުން އެ ކަންކަމަކީ ބިން އިތުރުކުރުމުން ކުރެވިގެންދާނެ ކަންތައްތައް ކަމަށާއި އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލުގެ ކްލާސް ރޫމްތަކުގެ ޖާގަ އިތުރުކުރުމަކީ ތައުލީމީ ނިޒާމަށް ބޭނުުންވެފައިވާ ކަމެއް ކަމަށާއި އެރަށަށް ވާވަރަށް ސްކޫލުގެ ޖާގަ އިތުރު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެރަށު ބަނދަރު ބޮޑުކުރުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ވާތީ ބަނދަރުގެ ޖާގަ އިތުރުކޮށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އިތުުރުކުރެވޭ ބިން ބޭނުން ކުރާއިރު ޓޫރިޒަމް ސިނނާއަތުގައި އިންވެސްޓުކުރަން ބޭނުންވާ އެކިކަހަލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތައް ހޯއްދަވައި ދެއްވާ ކަމަށެވެ. މުއިއްޒު ވަނީ ބޮޑުފުޅަދޫގެ މައި މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް ތާރު އަޅުއްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އިތުރަށް އޭނާ ވިދާޅުވީ، ތަރައްގީއާ ގުޅިފައި ހުރި އެފަދަ ހުރިހާ ކަމެއް އެއްވެސް ރަށެއް ތަފާތު ނުކުރާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށެވެ.
މިކަންކަން ވާނީ ރައްޔިތުން އިތުބާރުކޮށް ފުރުސަތު ދެއްވުމުން ކަން ފާހަގަކުރައްވާ މުއިއްޒު ވަނީ 30 ވަނަ ދުވަހު އޮންނަ އިންތިހާބުގެ ދެވަނަ ބުރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގެ ތެރެއިން މުއިއްޒު މިއަދު އއ އަދި އދ ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ. މުހައްމަދު މުއިއްޒު އަށް 101،635 (46.06 ޕަސެންޓް) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓް) ވޯޓެވެ.
މިހާރު މި ދެބޭފުޅުން ވެސް ގެންދަވަނީ ދެވަނަ ބުރަށް ތައްޔާރު ވެވަޑައިގަތުމުގެ ގޮތުން ކެމްޕެއިން ހަރަކާތް ހިންގަވަމުންނެވެ.