ވެރިކަން ލިބިވަޑައިގެންފި ނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވެ، ގެދޮރު ނޭޅިފައި ތިބި އެތައް ރައްޔިތުންނެއް އެބަތިބި ކަމަށާއި އެހެންކަމުން ގޯތި ދިނުމުން އެކަނި ނުފުދޭނެތީ އެ ބިމުގައި ގޯތި އަޅައި ދަރަނިވެރި ނުވެ އުޅެވޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

މި ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކަށް ކުލީގެ ގޮތުގައި ދައްކަން ބުނާ އަދަދުތަކަކީ މާ ބޮޑެތި އަދަދުތަކެއް ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، އެ ފްލެޓްތަކަށް އާބަންކޯ އިން ނަގާ ކުލީގެ އަދަދު ކުޑަކުރި ނަމަވެސް އެ ކުންފުނިތަކަށް ގެއްލުން ނުވާނެ ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގައި އޭނާގެ ހައުސިން މިނިސްޓަރުކަމުގައި ފައިސާ ހަމަޖައްސާފައިވާ ޕްރޮޖެކްޓެއް ކަމަށާއި މިސަރުކާރުން އެ މަޝްރޫއުގެ ނަން ވިނަރެސް އަށް ބަދަލުކުރި ނަމަވެސް އެމަޝްރޫއުގެ މައުލޫމާތު ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ދެ ލައްކަ ރުފިޔާގެ ޑައުންޕޭމަންޓަކާއި އަދި މަހުން މަހަށް ފައިސާ ދައްކަންޖެހޭ ގޮތަށް ވިނަރެސް ފްލެޓްތައް ދޫކުރަން މި ސަރުކާރުން މަސައްކަތް ކުރަނީ ކުރީގެ ސަރުކާރުގައި މަޝްރޫއު ރޭވި ގޮތާ ހިލާފަށް ކަމަށެވެ.

އަޅުގަނޑު ދޭނެ ޔަގީން ކަމަކީ ޑައުންޕޭމަންޓަށް ދައްކަން އޮތް ބޮޑު އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދީ، ރައްޔިތުން އަތްފޯރާ ވަރަށް ކުޑަކޮށްދޭނަމޭ. އެއީ އެކަން ކުރެެވެން އޮތީމަ. އެއީ އެ ޕްރޮޖެކްޓަކަށް ނެގި ލޯނާއި ހުރިހާ ތަފްސީލެއް އަޅުގަނޑަށް އެނގޭ. ފުރިހަމަ ފައިދާއެއް އާބަންކޯ އަށް ލިބޭނެ ކުޑަ ކުރިޔަސް
މުއިއްޒު

ކުރިއަށް އޮތް ދުވަސްތަކަށް މޫސުން ލަފާކުރާއިރު [ސިޔާސީ މޫސުން] ހަދަހަދައިގެން ވާހަކަތައް ދައްކާ މަންޒަރު ފެނިވަޑައިގަންނަވަމުން ދާ ކަމަށާއި ރައްޔިތުން އެފަދަ ކަންކަމަށް ސަމާލުވުމުން ހުންނާނީ ރަނގަޅަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އަތުކުރި އޮޅާލަންވީ ގައުމައިގެން ކުރިއަށް ދިޔުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން، ވޯޓާ ގާތްވުމުން ގިނަ ބަޔަކަށް ވުޖޫދުގައި ނެތް ފުލެޓާއި ކުންފުނިތަކުގައި ހުރި ވަޒީފާތަކަށް ވުރެ އިތުރަށް ވަޒީފާ ދިންކަމުގެ ލިޔުން ދެމުން ގެންދާ ކަމަށެވެ. އެފަދަ މީހުންނަށް މުއިއްޒު ވިދާޅުވީ ވަޒީފާ ނުގެއްލޭނެ ކަމަށާއި، އަދި ވޯޓަށް ފަހު ވަޒީފާއިން ވަކި ކޮށްފިނަމަ ވަޒީފާ އަނބުރާ އިޔާދަ ކުރައްވާނެ ކަމަށެވެ.

ވިނަރެސް ފްލެޓުތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރީ ނިމިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރި 10 ޓަވަރުގައި ޖުމްލަ 1،344 އެޕާޓްމެންޓު ހިމެނެއެވެ. ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހިމެނޭ ގޮތަށް އިމާރާތްކުރި އެޕާޓްމެންޓުތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގައެވެ.