މިދިޔަ ހޮނިހިރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެ އިންތިހާބުގެ ނަތީޖާތަކާއެކު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދަނީ މީގެ ކުރިން "ކިންގް މޭކާ" ނުވަތަ ޖޭޕީގެ ލީޑާރު ގާއިމް އިބްރާހިމްގެ ނަތީޖާއާ މެދުއެވެ. މި އިންތިހާބުގެ އިތުރުން ފެހި ގާނޫނު އަސާސީ އެކުލަވާލި ފަހުން ބޭއްވި ދެ އިންތިހާބެއްގައި ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއިރު މި އިންތިހާބުގައި ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު ވަނީ ވަރަށް ބޮޑަށްވެސް ދަށަށް ގޮސްފައެވެ.

މި އިންތިހާބުގައި ގާސިމްގެ އިތުރުން ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓާއި އެ ދެ ކެންޑިޑޭޓުން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ދަފްތަރުގައި ތިބި މީހުންގެ އަދަދާ ނުބައްދަލު ވުމަކީވެސް އެކަމުގައި ސުވާލުތައް ގިނަވާ ކަމެކެވެ.

ނާޒިމް އާއި ގާސިމް ބައްދާލަނީ / ފޮޓޯ: ރާއްޖެ އެމްވީ

މީގެ ކުރިން ގާސިމް ވާދަކުރެއްވި އިންތިހާބުތަކާއި ނަތީޖާ!

ރާއްޖޭގައި ވެސް ވެރިކަން ވައްޓާލުމުގެ ފޯރީގައި ކޮންމެ އިންތިހާބެއްގައި މަސައްކަތް ފަށާއިރު ގާސިމްގެ ޖޭޕީވެސް އުފެދިގެން ދިޔައީ އެ ފަދަ ދަނޑިވަޅެއްގައެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ގާސިމް ޖޭޕީ އުފެއްދެވީ މޭ 26، 2008 ގައެވެ. މިއަދު 22،607 މެންބަރުންނާއެކު އެ ޕާޓީއަކީ ރާއްޖޭގައި އޮތް 3 ވަނަ ސިޔާސީ ޕާޓީއަށް ވަނީ ވެފައެވެ. އެހެންނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. ސުވާލަކީ ބާކީ ތިބި 17،147 މީހުން ކޮބާ ބާއެވެ.

ގާސިމަކީ މީގެ ކުރިން "ކިންގް މޭކާ" ގެ އިތުރުން ވެރިކަމެއް ވައްޓާލުމުގައި ދެވަނައެއް ނުވާ ޝަހުސިއްޔަތެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބަދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމާއި ރައީސް ނަޝީދުގެ ވެރިކަމުގެ ފަސް އަހަރު ހަމަ ނުވަނީސް ބަދަލުވެގެން ދިއުމުގައި ގާސިމްގެ ދައުރު ކިތަންމެހާވެސް ބޮޑެވެ. އެހެންނަމަވެސް މި އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 2.55 ޕަސެންޓް ކަމުގައި ވާއިރު ގާސިމް ހައްދަވަމުން ގެންދެވި ޖާދޫގެ ބާރު ކެނޑިގެން ދިޔައީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމް ނިކުމެވަޑައިގެންނެވީ ރައީސް މައުމޫނާއި ޑރ. ހަސަން ސައީދާއި ރައީސް ނަޝީދާއި އިބްރާހިމް އިސްމާއިލްގެ އިތުރުން އުމަރު ނަސީރާ ވާދައަށެވެ. އެ އިންތިހާބުގައި ގާސިމަށް 27،056 ވޯޓު ލިބިވަޑައިގަތެވެ. އެއަށްފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް ޔާމީންގެ އިތުރުން ރައީސް ނަޝީދާ ވާދަކުރައްވާ ގާސިމަށް ވަނީ 50،422 ވޯޓު ލިބިވަޑައިގެންފައެވެ. މާޒީގައި ގާސިމަށް ލިބިވަޑައިގެން ވޯޓަށް ބަލާއިރު ދަފްތަރުގައި ނެތް އެތައް ބައެއްގެ ވޯޓު ގާސިމަށް ލިބިވަޑައިގަތެވެ. މި އިންތިހާބުގައި ގާސިމަށް ލިބިވަޑައިގެންނެވި ވޯޓާއި ދަފްތަރާ ދެމެދު ފަރަގު ހާހުން ހާހުން ބޮޑެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް (ކ) އަދި ރަނިންމޭޓް އަމީން

ޖޭޕީއާއި އެމްއެންޕީގެ ދަފްތަރާ މެދު ސުވާލު އުފެދޭ!

ޖޭޕީއިން ވަކިވެވަޑައިގެން ނާޒިމާއި އިތުރު މެންބަރުންތަކެއް އިސްވެ އުފެއްދެވި އެމްއެންޕީ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު ހޯދި ޕާޓީއެކެވެ. އެ ޕާޓީއަށް އިސާހިތަކު 3000 މެންބަރުން ހަމަކުރިއިރު އެ ޕާޓީއިން ވަނީ 10،000 މެންބަރުން ހަމަކުރިކަން ވެސް މީގެ ކުރިން އިއުލާނު ކޮށްފައެވެ. އެހެންނަމަވެސް މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 9838 މެންބަރުންނެވެ. އެ އަދަދަށް މެންބަރުން ތިބި ނަމަވެސް މި އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ނާޒިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 0.85 ޕަސެންޓެވެ. އެއީ އެންމެ 1907 ވޯޓު ކަމަށް ވާއިރު ބާކީ ތިބި މެންބަރުން ވޯޓު ނުލީ ހެއްޔެވެ؟

ކޯލިޝަން ހެދުމާމެދު އެންމެ އަވަހަށް ގޮތް ނިންމި ކެންޑިޑޭޓަކީ ނާޒިމް ކަމަށް ވާއިރު ނާޒިމް ވަނީ މި އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 ޕަސެންޓާއެކު ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއެކު ކޯލިޝަން ހައްދަވާ ކެމްޕެއިންނަށް ވެސް ނިކުންނަވާފައެވެ.

ނޭނގި ޕާޓީތަކަށް މީހުން ވެއްދުމާއި މާލީ މަންފާ

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށް ވެފައި ވާއިރު އެފަދަ ގޮތަކަށް ޕާޓީތަކަށް މީހުން ވައްދާ ކަމަށް ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާތައް ކުރަމުންނެވެ. އެއްވެސް ޕާޓީއަކަށް މިހާތަނަށް ވަދެފައި ނުވާ ޒުވާނުންގެ ބޮޑު އާބާދީއެއް ނޭނގި ޖޭޕީއަށް ވައްދާފައި ވާއިރު ޝަކުވާ ފޯމު ހުށަހަޅައިގެން އެ ޕާޓީއިން މީހުން ވަކިވެފައިވެސް އެބަ ތިއްބެވެ. އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އެއް ދުވަސް ވަރެއްގައި އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ވައްދާފައިވާ ކަމެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ބަޔަކު ނޭނގި އެ ޕާޓީއަށް ވެއްދިކަން ވަނީ އެނގިފައެވެ.

އެއް ދުވަސްވަރެއްގައި ނޭނގި ޖޭޕީއަށް ވައްދާފައިވާ ބައެއް މީހުންނަށް އައިސްފައިވާ މެސެޖުގެ ސްކްރީންޝޮޓްތަކެއް--

ނޭނގި ތިއްބާ ޕާޓީތަކުގެ ރަޖިސްޓްރީ ތަކަށް އަރާއިރު ގިނަ ބައެއްގެ ޝަކުވާއަކީ ޕާޓީތަކުން ވަކިވާން ކުރަން ޖެހޭ މަސައްކަތެވެ. ފޯމު ނަގައިގެން އަމިއްލައަށް ކުރަން ޖެހޭ މަސައްކަތެވެ. ސޮއިކޮށް ޕިންގާ ޕްރިންޓް ޖަހައިގެން އީސީއަށް މެއިލް ކޮށްގެން އެކަން ކުރަން ޖެހުނު ނަމަވެސް ޕާޓީއިން ވަކިވާން ގިނަ ދުވަސްތަކެއް ނުނަގައެވެ. ގިނަ ވެގެން ތިން ދުވަސް ތެރޭގައި ޕާޓީއިން ވަކިކޮށްދޭއިރު ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދަނީވެސް ސިޔާސީ ޕާޓީތަކަށް މަންފާތަކެއް ލިބޭތީއެވެ.

އެގޮތުން 10،000 މެންބަރުން ހަަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭއިރު އެ ފައިސާ ހޯދުމަށްޓަކައި އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އެ ޕާޓީތަކުގެ ރަޖިސްޓްރާއިންނާއި މަސްއޫލުވެރިންނަށް ހަމަ ނޭނގޭ ބާއެވެ. އެ ވަރުގެ ބޮޑު މަސައްކަތެއްގައި މީހުންގެ ހައްގަށް އަރައިގަނެ، ސޮއި ފޯޖުކޮށްގެން ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަމާ މެދު ވިސްނާލަނީ ކިތައް މެންބަރުން ބާއެވެ.

ޕާޓީއިން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުގައި ސިޔާސީ ޕާޓީއިން ހުށަހަޅާފައިވާ ފޯމު ހޯދުމަށް އެދުމުން އެ ފޯމު ލިބެއެވެ. އެ ފޯމު ހިފައިގެން ފުލުހަށް ދިއުމާއި ދައުވާ ކުރުމުގެ ހައްގު އެ މީހަކަށް ލިބިގެން ވާއިރު ސިޔާސީ ޕާޓީގެ ގަވާއިދު ބުނާ ގޮތުގައި އެހެން މީހެއްގެ ނަމުގައި އޭނާއަށް "ނޭނގި" ސޮއިކޮށްފައިވާ ފޯމު ހިމެނޭކަން މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ކުރާ ތަހުގީގަށް ފެނިގެން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލު ކުރަންވާނެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މެނިފެސްޓޯ ލޯންޗް ކޮށްދެއްވަނީ / ފޮޓޯ: ޖޭޕީ

ޕާޓީގެ ދަފްތަރާ ގުޅިގެން ޖޭޕީއިން ބުނަނީ ކީކޭ؟

ޖޭޕީއިން އެ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާއިރު އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަންތޯ ސުވާލު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ޗީޕް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ފަހުގެ ތާރީހު ތަކުގައި ފޯމުތަކަށް އައި ބަދަލާ އެކުގައި އެކަން ސައްހަ ކުރުމަށްޓަކައި ބައިވަރު ކަންތައްތައް ކުރަމުން ގެންދާ ކަމަށާއި އޭގެ ތެރޭގައި ސޮއިކުރާ ވަގުތު ވީޑިއޯ ނެގުމާއި ކޮންމެ ފޯމަކާ އެކުގައި ފޯމުގެ ސައްހަކަން ކަށަވަރު ކުރެވޭނެ މަގުފަހި ކުރުމަށް ފޮޓޯވެސް ނަގާ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ސައްހަ ނޫން ފޯމެއް ކަމަށް ވާނަމަ ޕާޓީގެ ރަޖިސްޓްރާ ބޮޑެތި ޒިންމާތަކެއް އުފުލަން ޖެހޭ ކަމަށާއި ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާގެ ފަރާތުން އުސޫލުތަކެއް ކަނޑައަޅާފައި ވާ ކަމަށެވެ. އަދި ބަލައިގަންނަނީ އެ އުސޫލުތަކާއި މިންގަނޑަށް ފެތޭ ފޯމުތައް ކަމުގައި އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.

"ފަހުގެ ތާރީހު ތަކުގައި ފޯމުތަކަށް އައި ބަދަލާއެކުގައި އެކަން ސައްހަކުރުމަށްޓަކައި ބައިވަރުކަންތައްތައްކުރަން އޭގެ ތެރޭގައި ސޮއިކުރާ ވަގުތު ވީޑިއޯ ފޫޓޭޖު ނަގުވައި. ހުންނާނެ ބައެއް ހާލަތްތަކުގައި އަދި ހުންނާނެ ފޮޓޯވެސް ނަގުވައިފާ. މާނައަކީ ކޮންމެ ފޯމަކާއެކުގައި އަޅުގަނޑުމެން ހުންނާނެ ސައްހަކަން ކަށަވަރު ކުރެވޭނެ މަގު އަޅުގަނޑުމެން ހުންނާނެ ގާއިމުކޮށްފައި."
އަލީ ސޯލިހު

ޖޭޕީގެ ދަފްތަރުގައި ސައްހަނޫން ފޯމުތަކެއް ހުރުމާއެކު އާންމުންގެ ކަންބޮޑުވުން އޮތުމުން އެ ސުވާލު ކުރުމުން އޭނާ ވަނީ ޖޭޕީއަށް "ޓާގެޓް" ކޮށްގެން ކުރާ ސުވާލުތަކަށް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވެ ޖަވާބުދެއްވާން ދެކޮޅު ހައްދަވާފައެވެ.

މިކަމާ ގުޅިގެން އީސީގެ ބަހަކީ ކޮބާ؟

ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ދަފްތަރުގައި މީހުން ހިމެނުމަށް އެދި ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާ ސުވާލު ކުރުމުން ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ އިލެކްޝަންސް ކޮމިޝަނަށްވުރެ ބޮޑަށް އެ ފޯމު ހުށަހަޅާ ފަރާތުން ކަމަށެވެ.

ހަބީބް ވިދާޅުވީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ފޯމު ހުށަހެޅިކަމާއި 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށް އެދި، އެ ފޯމުގައިވާ ނަންބަރަށް މެސެޖެއް ކުރާ ކަމަށާއި އެ މީހެއްގެ މައުލޫމާތު ހިމަނާ ޕާޓީއަކަށް ވަންނަން އޭނާ ފޯމު ހުށަހަޅައިފި ކަމަށް ބުނެ 7 ދުވަސް ތެރޭގައި ޝަކުވާ ހުށަހެޅުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ހަމަ އެ ދުވަހު ހިއްސާކުރާ ކަމަށެވެ.

ނޭނގި ޕާޓީއަކަށް މީހަކު ވެއްދި ފޯމެއްގެ ކޮޕީ --

7 ދުވަސް ތެރޭގައި ޝަކުވާއެއް ނުލިބިއްޖެ ނަމަ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދަފްތަރު ކުރާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

"ވެބްސައިޓްގައި އާންމުކުރުމުން އެ ބެލުން އެއީ ފަރުދީ ޒިންމާއެއް"
އިސްމާއިލް ހަބީބް

ހަބީބް ވިދާޅުވީ ގަވާއިދާ ހިލާފަށް އެ މީހާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ވައްދާފައިވާނަމަ އެ މީހަކަށް ފޯމުގެ އަސްލު ލިބޭނެ ކަމަށާއި އެ ހުށަހަޅައިގެން ކޯޓުގައިވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ނޭނގި ޕާޓީތަކަށް ވައްދައިގެން އެ މީހާ އިލެކްޝަންސް ކޮމިޝަނަށް ގޮސް ޝަކުވާ ހުށަހަޅައިފިނަމަ އެ ދުވަހުން ދުވަހަށް ޕާޓީއިން ކަނޑާލަދޭނެ ކަމަށާއި ފޯމު ހުށަހަޅައިގެން ނަމަ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ކަނޑާލަދޭނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވައްދާއިރު މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް އޮންނަން ޖެހެއެވެ. އޭގައި ޖަހާ އިނގިލީގެ ނިޝާނަކީ އަސްލަށް ނުވާއިރު އެ ފޯމުގައި ޖަހާ ނަންބަރާ މެދު ޔަގީންކަން އޮންނާނީ ކިހާ މިންވަރަކަށް ހެއްޔެވެ. އެ ފޯމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ވެބިސައިޓުގައި ޝާއިއު ކުރާ މައުލޫމާތު ބަލާނީ ކިތަން މީހުން ހެއްޔެވެ. ޕާޓީއަކަށް ވައްދާނެ ކަމުގެ ބިރަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް އަބަދާ އަބަދު "ރީޕްރެޝް" ކޮށް ކޮށް ތިބޭނެ ބަޔަކު ނެތެވެ.