ނ. ލަންދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި އެއް މިލިއަން ރުފިޔާ މަދުން އޮތް ކަމަށް ދައްކަނީ، ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުން 'ވިޔަ' ޕޯޓަލަށް ބަދަލުވުމާ ގުޅިގެން އެ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް ވަގުތު ހޭދަވުމުން ކަމަށާއި އެއްވެސް ފައިސާ އެއް ނުގެއްލޭ ކަމަށް، އެ ކައުންސިލުން ބުނެފިއެވެ.
ލަންދޫ ކައުންސިލްގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓުކޮށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ ކައުންސިލްގެ މާލީ ބަޔާނުގައި ހިމެނޭ އަދަދުތަކާއި މާލީ ހިސާބުތަކާ ދިމަލެއް ނުވެއެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މާލީ ހިސާބުތަކުގައި އޮތީ އެއް މިލިއަން ރުފިޔާ މަދުން ޖަހާފައެވެ.
މިކަމާ ގުޅިގެން ލަންދޫގެ ފަސް ކައުންސިލަރުން ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި އެ ކައުންސިލްގެ ފަރާތުން ބުނީ، އޮޑިޓް ރިޕޯޓުން އެއް މިލިއަން ރުފިޔާގެ ފަރަގެއް އޮތް ކަމަށް ދައްކަނީ 2020 ވަނަ އަހަރު ހުރިހާ ކައުންސިލްތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުން 'ވިޔަ' ޕޯޓަލަށް ބަދަލުވުމާ ގުޅިގެން، އެ ނިޒާމަށް ކައުންސިލް ބަދަލުވެ، އެ ނިޒާމުގެ ތެރެއިން އެކަން ކުރުމަށް ވަގުތު ހޭދަވެގެން ދިއުމުން ކަމަށެވެ.
ކައުންސިލުން ބުނީ، މިކަން މިހެން ދިމާވީ 'ވިޔަ' ޕޯޓަލަށް ހޭނުމަށް ހަ މަސް ދުވަސް ހޭދަވުމާއި، އެ ދުވަސްވަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައި އޮތުމުން ކައުންސިލްގެ މުވައްޒަފުން އޮފީހަށް ނުކުމެ އިދާރީ މަސައްކަތްތައް ނުކުރެވި އެ ނިޒާމަށް އަޕްޑޭޓުނުވެވި އޮތުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އެ ދުވަސްވަރު ވެސް ކައުންސިލް އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވި ކައުންސިލުން ދައްކަން ޖެހޭ ބިލުތައް ދެއްކުން ފަދަ ހަރަދުތައް ކުރެވި، ދައުލަތުން ޖަމާކުރި ބްލޮކް ގްރާންޓާއި މިނިސްޓްރީތަކުންނާއި އެހެނިހެން ފަރާތްތަކުން ކައުންސިލަށް ފައިސާ ޖަމާކުރެވިފައިވާ ކަމަށާއި، އެކަމަކު 'ވިޔަ' ޕޯޓަލްގެ ތެރެއިން އެ މުއާމަލާތްތަކުގެ ރަސީދު ހެދިފައި ނެތް ކަމަށް، އެ ކައުންސިލްގެ އިދާރާ އިން ބުންޏެވެ.
ލަންދޫ ކައުންސިލްގެ އިދާރާ އަކީ ޒަމާނުއްސުރެ ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، އަދި މިހާތަނަށް މިފަދަ އެއްވެސް ތުހުމަތެއް ކުރެވި ފައިސާގެ ހިޔާނާތެއް ވެފައިވާ އިދާރާ އެއް ނޫން ކަމަށް އެ އިދާރާ އިން ބުންޏެވެ. އެ އިދާރާ އިން ބުނީ، އޮޑިޓް ރިޕޯޓުގައި އިސްލާހުކުރަން އަންގާފައިވާ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަހުގެ ތިންވަނަ ދުވަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ލަންދޫ ކައުންސިލު އިދާރާގެ މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ކައުންސިލްގެ އިދާރާގެ ރެކޯޑުތަކާ ދިމާނުވުމާއި މާލީބަޔާނާއި މާލީ ބަޔާނާގުޅޭ ނޯޓުތަކާ ދިމާނުވާ މައްސަލައިގެ ބައިގައި ތިން ކަމެއް ފާހަގަކޮށްފައެވެ. އެއީ މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އިދާރާގެ ހިސާބުތަކާ ދިމާނުވުމާއި، މާލީ ބަޔާނުގެ މޫނުމަތީގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އެއާގުޅޭ ނޯޓު ތަކާ ދިމާނުވުމާއި އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތަކުން އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި ދައްކާ އަދަދު ތަފާތުވުމެވެ.
މީގެ ތެރެއިން މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އިދާރާގެ ހިސާބުތަކާ ދިމާނުވާ މައްސަލަ ފާހަގަކޮށް އެ ރިޕޯޓްގައި ބުނީ، 2020 ވަނަ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނު"ގައި ލިބުނު ފައިސާގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ އަދަދަކީ 6,305,813 ރުފިޔާ ކަމަށެވެ. ނަމަވެސް އެއާ ގުޅޭ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުގެ ސަބަބުން އެ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެފައި ވެއެވެ.
ހަމައެއާއެކު އެ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނު"ގައި ކުރި ހަރަދުގެ ގޮތުގައި ހިމާނާފައި ވަނީ 5,292,604 ރުފިޔާ ކަމަށާއި ނަމަވެސް އެ އަހަރު ތެރޭގައި އެ އިދާރާއިން ކުރި ހަރަދުގެ ޖުމްލަ އަދަދުކަމަށް އެ އިދާރާގެ ހިސާބުތަކުން ވިޔަ ޕޯޓަލް އިން ދައްކާ އަދަދަކީ 3,117,258 ރުފިޔާ ކަމަށް އޮޑިޓުން ބުނެއެވެ.
އެ އިދާރާއިން ހަރަދު ކުރި ވަރު ވިޔަ ޕޯޓަލް އިން ދައްކާ އަދަދަށް ވުރެ، ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުގައި 2،175،346 ރުފިޔާގެ ތަފާތެއް ފާހަގަ ކުރެވެއެވެ. ނަމަވެސް ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި އެ އިދާރާއިން ކުރި ޖުމްލަ ހަރަދުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދު އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދަށްވުރެ އިތުރު ވަނީ 1,175,346 ރުފިޔާ ކަމަށެވެ. މި އަދަދުން އެއް މިލިއަން ރުފިޔާ މަދުވެފައިވާ އިރު، މިއީ އޮޑިޓް ރިޕޯޓުން ފާހަގަވި ކުށެކެވެ.
އޮޑިޓް ރިޕޯޓެއް ނެރޭއިރު ކުށް ފިލާފައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް މި ކުށް ޖެހުނު ގޮތް އެ އިދާރަާ އިން ސާފުވާ ގޮތެއް އަދި ނުވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، 1,175,346 ރުފިޔާގެ ފަރަގު އައިގޮތް ދެނެގަނެ ރިކޮންސައިލް ކޮށްފައި ނުވާ ކަމަށާއި "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ކައުންސިލްގެ އިދާރާގެ ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރު ނުވާކަމަށެވެ. މީގެއިތުރުން މާލީ ބަޔާނުގެ "ފައިސާ ލިބުނު ގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން" އަދި "ފާސްކުރެވުނު ބަޖެޓާ އެބަޖެޓުން ހޭދަ ކުރެވުނުގޮތުގެ ބަޔާނު" ގެ މޫނުމަތީގައި ހިމަނާފައިވާ ބައެއް އަދަދުތަކާ ގުޅޭ ނޯޓުތަކުގައި ބަޔާންކޮށްފައިވާ އަދަދުތަކާ ދިމާ ނުވާކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެ ކައުންސިލްގެ އިދާރާގެ 2020 ވަނަ އަހަަރުގެ ނިޔަލަށް މާލީ އަހަރުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރުވެނު ގޮތުގެ ބަޔާނު"ން ދައްކާ ގޮތުގައި އެ ކައުންސިލްގެ އިދާރާގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ޖުމްލަ އަދަދަކީ 4,744,088 ރުފިޔާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ކައުންސިލްގެ އިދާރާގެ ބޭންކް ސްޓޭޓްމަންޓާއި ތިޖޫރީ ބާކީން ދައްކާ ގޮތުގައި އެ އަހަަރުގެ ނިޔަލަށް ކައުންސިލްގެ އިދާރާގައި ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދަކީ ޖުމުލަ 2,071,060 ރުފިޔާއެވެ.
އެހެންކަމުން 2020 ވަނަ އަހަރު ނިމުނު އިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި އެ އިދާރާގެ ރެކޯޑުތަކުން ދައްކާ އަދަދުގައި ޖުމުލަ 2,673,028 ރުފިޔާގެ ފަރަގު ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެ ރިޕޯޓުގައި މި ތަފާތު ހިސާބު ކޮށްފައި ވަނީ ރަނގަޅަށެވެ.