އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް އައިލެންޑްގެ ލަގަބު ދިން ފުރަތަމަ ރަށް ނ. ލަންދޫއަށް ހަނދާނީ ފިލާ އަރުވައިފިއެވެ.

އުރީދޫ އިން ބުނީ، ނ. ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ފާހަގަ ކުރުމުގެ ގޮތުން ނ. ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު، ހާއްސަ ފިލައެއް އަރުއްވާފައިވާ ކަމަށެވެ. މީގެ އިތުރުން ނ. ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް ނިޔާޒް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.

މި ހާއްސް ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ. ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގައި އަލިއަޅުވާލާފައި ވެއެވެ.

ނ. ލަންދޫ ކައުންސިލާ ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސޯދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުނެއެވެ. ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކުރާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރު ކޮށްދޭ ކަމަށް ވެސް އުރިދޫން ބުނެއެވެ.