އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ރަށްރަށުގައި ހޭންޑްބޯލް ކޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ލަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ލަންދޫއަށް ބޭނުންވާ ތަރައްގީގެ ކަންކަން ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމުގައެވެ. އަދި ހާއްސަ ގޮތެއްގައި ހޭންޑްބޯލް ކޯޓު ތަރައްގީ ގިނަ ރަށްރަށުގެ ރައްޔިތުން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަޝްރޫއުތައް ހިމަނައި، އެކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ލަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލަންދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭކަންކަން ހަމަޖެހި، ހިދުމަތް ދިނުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ހާއްސަ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއު ހިމެނޭހެން ލަންދޫ ރައްޔިތުން ބޭނުންވާ ކަންކަން ސަމާލުކަން ދީގެން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.