ކޮންމެ މަސައްކަތަކަށްވެސް ބޭނުންވަނީ އެ މަސައްކަތެއްގެ ތަޖުރިބާއާއި ގާބިލުކަން، ހިލްމާއި އިލްމު ލިބިފައިވާ މީހުން ކަމީ ކޮންމެ މީހަކުވެސް އިއްތިފާގުވާނެ ކަމަކެވެ. އެ ފަދަ ގާބިލުކަން ނެތް މީހަކާ މަސައްކަތްތައް ހަވާލުކުރުމުން، ކުރިމަތިލާން ޖެހޭ ތަކުލީފުތައް، ކުދި އަދި ބޮޑެރި މަސައްކަތުން ވެސް ފެނެއެވެ.
ވަޑާންގެއަށް ވަޑިން، ކަނބުރުގެއަށް ކަނބުރުން، ރަން ހަދަން ތިލޭރުން ބޭނުންވާ ފަދައިން ގާނޫނު ހަދާ މަޖިލީހަށްވެސް ބޭނުންވާނީ ގާނޫނު އަސާސީއާއި ހެދިފައިވާ ގަވާއިދުތަކަށް ފަރިތަ، ވަކާލާތު ކުރެވޭނެ ފަދަ ބޭފުޅުންނެވެ. ގާނޫނުތައް ހެދުމުގައި ކޮންމެ މެންބަރެއްގެ ވެސް ހިއްސާ މުހިއްމެވެ. އެ ގާނޫނުތަކަށް އިސްލާހުތައް ގެނެސް އާ ގާނޫނުތައް ވުޖޫދުކުރާއިރު އޭގެ ސަބަބުން ކުރާނެ އަސަރުތަކާއި ލިބޭނެ ނަފާވެސް ދަންނާނީ ގާނޫނީ ބޭފުޅުން ކަމީ ދެބަސްވުމެއް ނެތް ހަގީގަތްތަކެވެ.
ތިޔަ ދާއިރާއަށް އިންތިހާބު ކުރާ މެންބަރަކީ ފަސް އަހަރުގެ ދައުރެއް ނިމޭއިރު ބުނާނެ ބަހެއް ދައްކާނެ ވާހަކައެއް ނޭނގި "މައިކް އޮފް" ކޮށްގެން އިންނާނެ މެންބަރަކަށް ވާން ދާއިރާގެ ރައްޔިތުން ބޭނުމެއް ނުވާނެއެވެ. އެފަދަ މެންބަރަކަށް ފުރުސަތު ފަހިކޮށްދިނުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.
ރައްޔިތުން ހައްގުގައި ފަސް ޖެހުމެއް ނެތި ވަކާލާތު ކުރާނެ ކެންޑިޑޭޓުން މިއަދުވެސް އެނގޭނެއެވެ. އެގޮތުން ނ އަތޮޅު މާފަރު، މަނަދޫ އަދި ލަންދޫ ތަމްސީލް ކުރަން ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓަކީ އެފަދަ މެންބަރަކަށް ވާނެއެވެ.
ހުސްނީއޭ ބުނުމުން ގާނޫނީ ދާއިރާއަށް ފަރިތަ، ކޯޓުތަކުގެ ޝަރީއަތްތައް ފެނިފައިވާ މީހުންނަށް އެއީ އާ ނަމަކަށް ނުވާނެއެވެ. އެއީ ގިނަބަޔަކު ދަންނަ ދޫ ފަރިތަ، ކެރޭ ހިތްވަރާއި ޖޯޝް ހުރި ގާނޫނީ ވަކީލު ހުސްނީ މުބާރިކެވެ.
ހުސްނީއަކީ ތައުލީމާއި ތަޖުރިބާ ހުރި، މަނަދޫ ދާއިރާ އެދި އެދި ހުރި ފަދަ ކެންޑިޑޭޓެއް!
ހުސްނީގެ ރަށް، މަނަދޫގައި ހިންގަމުންދާ ނ އަތޮޅު މަދަރާސާއިން މަދަރުސީ ތައުލީމް ނިންމާލުމަށްފަހު އޭނާ މަތީ ސާނަވީ ހާސިލްކުރެއްވީ ބ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެއަށްފަހު 2004 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިވަޑައިގެން ހުސްނީ ވަނީ އެތަނުގައި 7 އަހަރު ދުވަހުގެ މުއްދަތަކަށް ގައުމަށް ފުރިހަމަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެމްއެންޑީއެފްގައި ވަޒީފާ އަދާކުރައްވަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރެއްވި ހުސްނީ އެއަށްފަހު ގުޅިވަޑައިގެންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި ޕްރައިވެޓް ޕްރެކްޓިސް ކުރެއްވި ހުސްނީ ވަނީ މަނަދޫ ކޯޓުގެ މެޖިސްޓްރޭޓްއެއްގެ ގޮތުގައި އަދި ނ. އަތޮޅު އިސް މެޖިސްޓްރޭޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ރާއްޖޭގެ ހުރިހާ މަރުޙަލާއެއްގެ ކޯޓްތަކުގައި ވަކާލާތުކުރެވުމުގެ ހުއްދަ އޮތް ހުސްނީ އަކީ އެމިކަސް ކިއުރިއޭ އެލްއެލްޕީގެ ޕާޓްނަރެއް ވެސް މެއެވެ.
ހުސްނީ އަކީ ގާނޫނީ ދާއިރާއިން ފުންނާބު އުސް ބޭފުޅެކެވެ. ގާނޫނު ހަދާ މަޖިލީހަށް އެއްވަނައިގެ މެންބަރެކެވެ. ވޭދުވެދިޔަ 13 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަރުހަލާތަކެއްގެ ކޯޓުގައި ވަކާލާތު ކުރައްވައިފައިވާ ހުސްނީއަށް މަނަދޫ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވޭނެ ކަމާ މެދު ސުވާލެއް ވެސް އުފެއްދޭނެ ޖާގައެއް ނެތެވެ.
ސިޔާސީ ހަރަކާތްތަކަށް އާ މޫނަކަސް، މިއީ ފިކުރުގެ ލޭ ހިނގާ ދަރިއެއް!
2019 ވަނަ އަހަރު ޕީއެންސީއިން ސިޔާސީ ހަޔާތް ފެށުނު ހުސްނީ ވަނީ މަނަދޫ ދާއިރާގެ ސިޔާސީ ހަރާކާތްތަކުގައި ވޭދުވެދިޔަ ދުވަސްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކެމްޕެއިން ހަރަކާތްތަކުގައި ހުސްނީ ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.
ޕީއެންސީއިން ބޭއްވި މަނަދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ހުސްނީ މިހާރު ގެންދަވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގައި ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ. އިންތިހާބަށް ހުސްނީގެ އުންމީދު ބޮޑެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ދާއިރާގެ ރައްޔިތުން އެދެނީ ތަރައްގީ ކަމަށާއި ސަރުކާރާ އެކީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް އޮވެގެން ނޫނީ ތަރައްގީގެ ކަންކަން ނުވާނެ ކަމަށް އެ ދާއިރާގެ ރައްޔިތުން ގަބޫލު ކުރުމެވެ.
ހުސްނީ ވިދާޅުވީ މި 5 އަހަރު ރައީސް މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމުގެ ފުރުސަތު ދޭން އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަމަށާއި އެއީ ތަހުޒީބު ރައްޔިތެއް އުޅޭ ދާއިރާއެއް ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން އެދެނީ އެ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ސަރުކާރާ ދެކޮޅަށް ބަޔަކު ކުރަމުންދާ ކަންތައްތަކާ އެކީގައި އިދިކޮޅަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ގައުމަށް ވާނެ ގެއްލުން އެ ދާއިރާގެ ރައްޔިތުން ފާހަގަ ކުރާ ކަމަށް ހުސްނީ ވިދާޅުވިއެވެ.
އޭގެ ސަބަބުން ދާއިރާއަށް އަންނާނެ ތަރައްގީއެއް ނެތް ކަމަށް ރައްޔިތުން ގަބޫލުކުރާ ކުރުމަކީ ހުސްނީގެ އުންމީދެވެ. އަމާޒަށް ވާސިލުވުމަށް ލިބޭ ބޮޑު ހިތްވަރެކެވެ.
އިންތިހާބުވުމަށް ފަހު މެންބަރު ގެއްލޭ ކަމުގެ ޝަކުވާ ބޮޑު، ހުސްނީ އަކީ ގެއްލޭނެ މެންބަރެއް ނޫން
ކެމްޕެއިނުގައި ދޮރުން ދޮރަށް، ރައްޔިތުންގެ ގާތަށް ހުސްނީއަށް ވަޑައިގެންނެވުނު އިރު ދާއިރާގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވާ މައިގަނޑު ދެ ޝަކުވާއެއް އެބަ އޮތެވެ. އެއިން އެއް ޝަކުވާއަކީ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމަށް ފަހު ގުޅުން ކުޑަވެގެންދާ މައްސަލައެވެ. ނުގުޅޭ ވާހަކަތަކާއި ބައްދަލުނުވާ ވާހަކަތަކެވެ. އެކަމަކު ހުސްނީ ވެގެންދާނީ ދާއިރާގެ ކޮންމެ ރައްޔިތަކަށްވެސް އޭނާއާ ހިސާބަށް ވާސިލުވެވޭ، ދާއިރާގެ ކޮންމެ ރައްޔިތެއްގެ އަޑުވެސް އައްސަވާނެ މެންބަރަކަށެވެ. ދާއިރާގެ ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދަދާނެ މެންބަރަކަށް ހުސްނީ ވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވައެވެ.
މަނަދޫ ދާއިރާ ތަމްސީލުކުރަން ހުސްނީ ހޮވައި ދީފިނަމަ މާޒީގައި މެންބަރުން އަމަލުކުރި ގޮތާ ތަފާތު ވާނެއެވެ. މިހާރުވެސް އޭނާ ގެންގުޅުއްވާ ހިޔާލުތަކާއި ދައްކަވާ ވާހަކަތަކުންވެސް އެކަން ފުރިހަމައަށް އެނގޭނެއެވެ.
ރައްޔިތުންގެ ފަރާތުން އަންނަ އެ ޝަކުވާއަށް ހައްލު ހޯދައިދެއްވުމަށް ހުސްނީ ހުންނެވީ ތައްޔާރަށެވެ. ހޮވައިދީފި ނަމަ ދާއިރާގެ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެއެވެ.
ހުސްނީއަކީ އެ ދާއިރާގެ ރައްޔިތުން ދަންނަ ބޭފުޅެކެވެ. ދާއިރާގެ މަންދޫބެއްގެ ގޮތުގައި ހުންނަވާނަމަ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަން ޖެހޭނެ ކަން އޭނާ ގަބޫލުކުރައްވައެވެ. އެހެންކަމުން މަދުވެގެން ތިން މަހުން އެއް މަހު ދާއިރާގެ ކޮންމެ ރަށަކަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށާއި އެ ދަތުރުގައި މުވައްސަސާތަކާއި ބައްދަލުކުރައްވައި ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ހުސްނީ ވިދާޅުވިއެވެ.
ދެން ހުސްނީއާ ހިސާބަށް އަންނަ ޝަކުވާއަކީ ދާއިރާއަށް ހުރި ތަރައްގީގެ ކަންކަން ހާސިލް ނުވުމާއި ފަށާފައި ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ޝަކުވާއެވެ. ވަކި ރަށެއް ތަފާތު ކުރެމެއް ނެތި ތަރައްގީ ގެނައުމުގެ ނަމުގައި ބެޖެޓުނުކޮށް، ފައިސާ ހަމަ ނުޖެހި މި ދިޔަ ސަރުކާރުން ފަށާއިވާ މަޝްރޫއުތައް ކަމަށާއި އެ މަޝްރޫއު ފަށާ، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކަމަށް ހުސްނީ ވިދާޅުވިއެވެ.
އެއިން ބައެއް މަޝްރޫއުތައް ބަޖެޓު ހަމަޖެހި ކުރިއަށްދާކަން ފާހަގަކުރައްވަމުން ހުސްނީ ވިދާޅުވީ ދެން ހުރި މަޝްރޫއުތައްވެސް ލަސްނުވެ ފެށިގެންދާނެ ކަމަށެވެ. އަދި އެ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދާ، ރައްޔިތުންނަށް ލުއިފަސޭހަކޮށް ކަންކަން ފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ކަމަށް ވެސް ހުސްނީ ވިދާޅުވިއެވެ.
ގާނޫނު ހަދާ މަޖިލީހަށް ބޭނުންވަނީ ހުސްނީ ފަދަ މެންބަރުން
ގާނޫނުތަކަކީ ރައްޔިތުންނަށް ލިބިދޭ ހައްގުތައް އެންމެ ފުރިހަމައަށް ހޯދައިދިނުމަށް ހަދާ އެއްޗެކެވެ. ގާނޫނުތައް ލިޔެވެނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަކި ނިޒާމަކުން ވަކި މަރުހަލާތަކެއް ކަނޑަތުކޮށެވެ.
މިހާރު ހުރި ގާނޫނުތަކުން ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ނުލިބޭއިރު ގާނޫނުތަކަށް އިސްލާހުތަކެއް ގެނެސް އާ ގާނޫނުތައް ވުޖޫދުކުރަން ޖެހެއެވެ. އެކަން ހުސްނީވެސް ގަބޫލު ކުރައްވައެވެ. މިސާލަކަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ސަބަބުން މަދަނީ މައްސަލަތައް ހިންގުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކުރައްވާ ހުސްނީ ވިދާޅުވީ އެ ގާނޫނަށް ބަދަލު ގެންނަން ޖެހޭކަން ޝަރުއީ ދާއިރާގެ ކޯޓުތަކާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް އެއްބަސްވާ ކަމަށެވެ.
އެ ގާނޫނު އޮތް ގޮތަށް ބަދަލު ނުގެނެސް ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ހުސްނީ ވިދާޅުވިއެވެ. މަދަނީ އަދުލުގެ ނިޒާމު "ސްލޯ" ވެ، ކޯޓުތަކުގައި ނުނިމި ހުރި މަސައްކަތްތައް ވަނީ ދިގުލައިގެން ގޮސްފައެވެ. ގޯއްޗެއް ބަހަން ހުށަހަޅާ މައްސަލަވެސް ނުނިމި އެތައް ދުވަހެއް ވާކަން ފާހަގަކުރައްވާ ހުސްނީ ވިދާޅުވީ އެ ޤާނޫނު މިހާރު އޮތްގޮތަށް ތަންފީޒުކުރުމަށް އެކަށޭނަ މިންވަރަށް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާއި ވަސީލަތްތައް ނެތްއިރު އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ހުސްނީ ވިދާޅުވީ އަވަހަށް ޝަރީއަތްތައް ނިމި އެ މުއާމަލާތް ތަކަށް ގޮތް ކަނޑައެޅިގެން ދިއުން އެއީ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގެއް ކަމަށެވެ.
ޕާޓީ ދޫކޮށް ހުސްނީ ދާން ޖެހޭ ހާލަތެއް ކުރިމަތިނުވާނެ!
ޕާޓީތަކުގެ ލީޑާޝިޕާއި ދާއިރާގެ މެންބަރުން ގުރުބާން ވެގެން އިންތިހާބީ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުން ލަނޑު ލިބޭ ފަހަރުވެސް އާދެއެވެ. ޕާޓީ ބަދަލުކޮށް ގުރުބާންވީ މީހުން މަތިން ހަދާން ނެތޭ މަންޒަރު މީގެ ކުރިންވެސް ވަނީ ފެނިފައެވެ. ހުސްނީއަކީ ފެށުނީންސުރެ އެއް ފިކުރެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު އޭނާ ދެއްވައި ޔަގީންކަމަކީވެސް އެ ޕާޓީ ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެ ކަމަށެވެ. އަދި ވަކި ޕާޓީއެއްގެ ސިޔާސަތުތަކާއެކު ރައްޔިތުންގެ ގާތަށް އައުމަށްފަހު ޕާޓީއިން ގޮސްގެން ނުވާނެ ކަމަށްވެސް ހުސްނީ ގަބޫލު ކުރައްވައެވެ.
ޕާޓީއަކުން އިންތިހާބުވާ މަގާމެއްގައި ހުއްޓާ ޕާޓީ ބަދަލުކުރަން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށާއި ރައްޔިތުން ވޯޓު ދިނީ ވަކި ހައިސިއްޔަތަކާއެކު ކަމަށް ހުސްނީ ވިދާޅުވެފައެވެ. ޕާޓީ ބަދަލުކުރުމަކީ ހުސްނީ އެއްވެސް ވަރަކަށް ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ހުސްނީ ވިދާޅުވެއެވެ.
ހުސްނީ ހޮވަންވީ މިހެންވެ، ދާއިރާގެ އިތުރުން މުޅި ގައުމަށްވެސް ކުރިއެރުމަކަށް ވާނެ
ރައްޔިތުން މަޖިލީހުން ހަދާ، ފާސްކުރާ ގާނޫނުތައް ތަރުތީބު ވެގެންދާން ޖެހޭނީ އަސާސީ ހައްގުތައް އޭގެ އެންމެ ފުރިހަމަ މިނުގައި ކަށަވަރުކުރެވޭ ގޮތަށެވެ. އެ ގާނޫނުތަކަކީ ރައްޔިތު މީހާއަށް ތަކުލީފެއް ނެތި ތަންފީޒު ކުރެވޭ، ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭ ގާނޫނު ތަކަކަށްވާން ޖެހެއެވެ.
ވޭތުވެދިޔަ 13 އަހަރު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ހުސްނީ ނިކުމެވަޑައިގެން ހުންނެވީ އެ ހުރިހާ ކަމެއްގެ ތަޖުރިބާއާ އެކުއެވެ. ހުސްނީއަކީ މަޖިލީހުގައި ބިލްތަކަށް ކުރެވޭ ބަހުސްތަކުގައާއި ބިލް ދިރާސާ ކުރުމުގެ މަރުހަލާގައި އޭނާގެ ތަޖުރިބާއާއެކު މަސައްކަތް ކުރައްވާނެ މެންބަރެކެވެ. އެކަން ހުސްނީވެސް ޔަގީންކޮށްދެއްވައެވެ.
މަނަދޫ ދާއިރާއަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުނަށް ބަލާލައި އިރު އެ ފަދަ ގާބިލްކަން ހުރި ކެންޑިޑޭޓެއް ހުސްނީ ނޫނީ ފެންނާކަށް ނެތެވެ. ގާބިލްކަން ހުރި މީހަކަށް ހުސްނީ ވުމަކީ އޭނާއަށް އެ ފުރުސަތު ދޭން ޖެހޭ އެންމެ މުހިއްމު ސަބަބެވެ.
ހުސްނީ އަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަށް ވުމާއި ނިޒާމު ބައްޓަންވެފައި އޮތް ގޮތަށް ބަލާއިރު މިހާރު މި އޮތް ނިޒާމުގެ ތެރެއިން ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުރިހަމަކުރުމަށްޓަކައިވެސް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބި، ރިޔާސީ ވައުދުތަކާއި އެއްގޮތަށް ތަރައްޤީ ހާސިލް ނުކުރެވި ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާ ބާރުގެ ތަޅާ ފޮޅުމެއްގެ ތެރޭގައި ގައުމަށް ލިބޭ ހަމަޖެހުމެއް ނޯންނާނެ ކަން ހުސްނީ ގަބޫލުކުރައްވައެވެ. އެހެންކަމުން ގައުމަށް ހަމަޖެހުންލިބި، ގައުމަށް ތަރައްގީ ގެނެސް، ދާއިރާގެ ތަރައްގީގެ ކަންކަން ހާސިލު ކުރުމުގެ ފުރުސަތު އޮތީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ފުރުސަތު ދީގެންނެވެ.
މަނަދޫ ދާއިރާގެ ރައްޔިތުން އެ ފުރުސަތު ދީފިނަމަ ދާއިރާގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރައްޔިތުންނާ ގާތުން އެ ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތު ކުރައްވާނެ މެންބަރަކަށް ހުސްނީ ވާނެ ކަމަށް ވިދާޅުވެއެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވަން ޖެހޭ ހާލަތެއްގައި އެކަން ކުރައްވާނެ މެންބަރަކަށް ހުސްނީ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓަކަށް ފުރުސަތު ދީގެން ކަމަށް ވާއިރު މަނަދޫ ދާއިރާއަށް ކުރިއަށް އޮތް 5 އަހަރު ގެންނަންޖެހޭ ތަރައްގީ ގެނައުމަށްޓަކައި ހުސްނީއަށް ފުރުސަތު ދީފިނަމަ އެ ނަތީޖާ ފެނިގެންދާނެ ކަމަށް ވިދާޅުވެއެވެ.
ގާނޫނު ހަދާ މަޖިލީހަށް ހުސްނީއަކީ "އެއްވަނައި" ގެ މެންބަރެކެވެ. ރައްޔިތުންގެ ހައްގުގައި މަނަދޫ ދާއިރާގެ މައިކްގެ އަޑު ކެނޑުނަ ނުދީ ވަކާލާތު ކުރައްވާނީވެސް ހުސްނީއެވެ. ހުސްނީގެ ތަޖުރިބާއާއެކު މަނަދޫގެ އިތުރުން މުޅި ރާއްޖެއަށްވެސް އޭގެ ފައިދާ ކުރާނެކަން ގައިމެވެ. މަނަދޫ ދާއިރާއަށް މިއަށް ވުރެ ރަނގަޅު މެންބަރަކު ނުލިބޭނެއެވެ. ހުރިހާ ގޮތަކުންވެސް ހުސްނީއަކީ ރައްޔިތުންގެ މަޖިލީހަކަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓެވެ.
އެހެެންވީމަ އަހަރެމެން ހުސްނީ ހޮވަން ބޭނުންވަނީ. ހުސްނީވަރެއް ނެތް ހަމަ
ތިޔަގޮތްއެނގުނީމިއަދުތަ