އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވްގެ ދަށުން އޭއައި ގެ އެހީގައި ނ. ލަންދޫގައި ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށްފިއެވެ.
މިއީ އުރީދޫން ޑިޖިޓަލް އައިލެންޑެއްގެ ގޮތުގައި ރަށެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އެކަމާ ގުޅިގެން އުރީދޫން ބުނީ މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލް ރާއްޖެއަކަށް ހަދައި، ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއީ މުހިންމު މަސައްކަތެއް ކަމަށެވެ.
ނ. ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އުރީދޫއިން ބުނެއެވެ.
އެކަމާ ގުޅިގެން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމާއި އެމް-ފައިސާއާއި ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫގެ ފަރާތުން މުވާސަލާތީ ދުވަހާ ގުޅުވައިގެން ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު މި ދެވެނީ ނ ލަންދޫއަށް ކަމަށާއި ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އަކީ ދިރިއުޅުމާއި މަސައްކަތްކުރުމާއި މުއާމަލާތްކުރާ ގޮތް ޒަމާނީ އިޖާދީ ގޮތަކަށް ބަދަލުވުން ކަމަށެވެ.
އެއީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ހިފައި އިނޮވޭޝަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށާއި މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށާއި އުރީދޫއާއެކު މުވާސަލާތީ އާ ޒަމާނަކަށް މަރުހަބާ ކިޔާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.