މިދިޔަ މެއި މަހު އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ކޮއްކޮ ހުސައިން މަވާޒަށް ދައުވާ ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ދައުލަތުން މަވާޒްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މިދިޔަ އޮގަސްޓުމަހުގެ 31 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ޝަރީއަތަށް ކިޔާދީ އެ ކުށަށް އިއުތިރާފް ވެފައެވެ.

އެދުވަހު އޭނާ ޝަރީއަތަށް ކިޔާދިން ގޮތުގައި، މެއި 31، 2023 ވަނަ ދުވަހުގެރޭ އެ ހާދިސާ ހިނގުމުގެ ކުރިން އެރޭ ބޭބެއާ ރެސްޓޯރަންޓަކުން ދިމާވި ކަމަށާއި، އެތަނުން ބޭބެގެ ފޯނު ނަގައިގެން އޭނާ ގެއަށް ދިޔަ ކަމަށެވެ. އަދި ގެއަށް ދިޔައީ މަސްތުވާއެއްޗެއް ކަމަށްވާ (ބޮގަރު) ބަލާ ކަމަށާއި، ގެއަށް ދިއުމުން، ބޭބެ ފޯނު ކޮބާތޯ ސުވާލު ސުވާލު ކުރުމުން، ސިމާއެކު ބޭބެގެ ފޯނު ވިއްކާލިކަމަށް ބުނި ކަމަށެވެ. އަދި އެހިސާބުން ހަމަނުޖެހުން އުފެދި މާރާމާރީ ހިނގަން މެދުވެރިވީ ކަމަށްވެސް އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުންޏެވެ.

އެއާއެކު ގާޒީ ވަނީ އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އެދުވަހު ގާޒީ ނިންމަވާފައިވެއެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމެއް ކޯޓަށް ހުށައަޅާފައެވެ. އެއާއެކު އިއުތިރާފުގެ އެއްބަސްވުން ޝަރީއަތުން ބަލައިގަތުމާއެކު އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ހުކުމް ކުރައްވަމުން ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ، މަވާޒްގެ އިއުތިރާފަކީ ފުރިހަމަ އަދި ސައްހަ އިއުތިރާފެއްކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ އެނގިހުރި މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމާ، ދައުލަތާއެކު ދިފާއުން ވެފައިވާ އިއުތިރާފު އެއްބަސްވުން ބަލަިގަތުމަށް ނިންމާފައިވާ ކަަމަށްވެސް އާދަމް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިސްގާޒީ ވަނީ އޭނާގެ މައްޗަށް އިއްވަވާފައެވެ. އޭނާ ބަންދުގައި ހުރި މުއްދަތު (74 ދުވަސް) ހުކުމުން އުނިކުރުމުން ދެން އަންނަ އަދަބަކީ 12 އަހަރާއި 3 މަހާއި 16 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކައްފާރާ އަދާކުރުމުގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިދުމަށްވެސް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.