ރިޔާސީ އިންތިހާބުގައި ވޯޓު ލަނީ ކާކަށްތޯ އިންޑިއާ މީހުން އޮޅުންފިލުވަމުން ދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ގައުމުގެ ހައިކޮމިޝަނުން ދޮގުކޮށްފިއެވެ.

އެ ކޮމިޝަނުން މިކަން ދޮގުކޮށްފައި ވަނީ އިންޑިއާ އާ ގުޅުވައި 'ދިޔަރެސް' ނޫހުން ބައެއް ހަބަރުތައް ރިޕޯޓު ކޮށްފައިވުމާ ގުޅިގެންނެވެ. އެގޮތުން އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ ވިސާ ހޯދަން އިންޑިއާ އެމްބަސީއަށް ދާ މީހުން ވޯޓު ލަނީ ކާކަށްތޯ އޮޅުން ފިލުވަމުންދާ ކަމަށާއި ހަނިމާދޫގައި ތިބި ސިފައިންވެސް އެ ރަށު ރައްޔިތުން ކުރެން ވޯޓު ލަނީ ކާކަށްތޯ ސުވާލު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް ހައިކޮމިޝަނުން މިއަދު ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރު ކުރުމަށް އޮންލައިން ޕްލެޓްފޯމް ތަކުގައި ދައުރު ކުރަމުންދާ ހަބަރު ތަކަކީ ހަގީގަތެއް ނެތް ދޮގު ހަބަރު ތަކެއް ކަމަށެވެ.

އަދި އެފަދަ ދޮގު ހަބަރުތައް ފަތުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާ އެކަންކަން ބަލައި ދިނުމަށް ރާއްޖޭގެ ފޮރިން އެފެއާޒް އަަށް އިންޑިއާގެ ހައިކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ޒިންމާދާރު ކަމާއެކު ހަބަރުތައް ގެނެސް ދިނުމަށް މީޑިއާތަކަށް އިރުޝާދު ދިނުމަށް މީޑިއާ ކައުންސިލަށްވެސް ގޮވާލާފައި ވެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅު ކުރަމުންދިޔަ ނަމަވެސް ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮންނަ ކަމަށާއި، އަދި ހަމައެހެންމެ އެ ގައުމުގެ ސިފައިން ހަތިޔާރާ އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް ރައީސް ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.

އެ ތުހުމަތުތައް ރައީސް ދޮގު ކުރެއްވި ނަމަވެސް އިންޑއާއެކު ވެފައިވާ އެކި އެބަސްވުންތައް ހާމަ ކުރުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އެ މައުލޫމާތު ފޯރު ކޮށްދީފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެސް ވެއެވެ.

އަދި ހަމަ އެހެންމެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ރައީސް ސޯލިހަށް ފަންޑު ކޮށްފައިވާ ވާހަކަތައްވެސް ރައީސް ވަނީ މީގެ ކުރިން ދޮގު ކުރައްވާފައެވެ.