މި މަހުގެ 30ގައި އޮންނަ ރިޔަސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ވުރެ އިސްކަމެއް ދެނީ ކެމްޕެއިން ކުރެއްވުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިހާރުގެ އަމާޒަކީ ކެމްޕެއިން ކުރުން ކަމަށެވެ. އަދި ކޯލިޝަން ހެދުމަށްވުރެ އިސްކަމެއް ދެނީ އިންތިހާބު ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރެއްވުމަށް ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތުތަކެއް އެބަހުރި ކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާއަށްބަލާއިރު އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ވޯޓުގެ އަދަދު ހާސިލްކުރެއްވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޯލިޝަން ހެދުމަށް ވާހަކަ ދެކެވެމުންދާ ކަމަށާއި ކޯލިޝަން ހެދުމަށް ބައެއް ޕާޓީތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ރައީސް ސޯލިހްގެ ކޯލިޝަންގައި މިހާރުވެސް ހިމެނޭ އެމްޑީއޭ އަދި އަދާލަތު ޕާޓީ ފިޔަވާ އިތުރު ޕާޓީއަކާއެކު އަދި އެމްޑީޕީއިން ކޯލިޝަން ހަދާފައިނުވާއިރު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މާލެ ސިޓީ މޭޔަރު ޑރ. މުއިއްޒު ވަނީ އިއްޔެ އެމްއެންޕީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިފައި ވަނީ މުއިއްޒުއަށެވެ. މުއިއްޒުއަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، ރައީސް ސޯލިހްއަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ.