ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހަރަދުވި ފައިސާގެ އެވްރެޖް އަގު އަނބުރާ ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން އައިސް ފުރަތަމަ މަސައްކަތް ކުރީ ހިޔާ ފްލެޓްތައް ތަޅާލަން ކަމަށާއި އެތަނަކީ ހޮހޮޅައެއްގެ ގޮތުގައި މި ސަރުކާރުން ސިފަކުރި ކަމަށެވެ. އަދި އެތަން ތަޅާލެވޭ ގޮތް ނުވުމުން ދެ ތިން އަހަރު ބެހެއްޓުމަށްފަހު އެ ތަން އެ ހުރި ގޮތަށް ރައްޔިތުންނަށް ދިނީ ކަމަށާއި އެ ތަން ދެމުން ވެސް ރައްޔިތުން އެ ފްލެޓްތައް ބޭނުން ނުވާނެ ކަމަށް ބުނި ކަމަށެވެ.

ރައީސް ޔާމީން ނިންމަވާފައި އޮތީ 5 ޑިޒައިނެއް ހުށަހެޅުމަށްފަހު އޭގެތެރެއިން އެ ފަރާތަކުން ހިޔާރު ކުރާ ޑިޒައިނަކާ އެއްގޮތަށް ފްލެޓް ނިންމުމަށްފަހު ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ގޮތުން އެ ފްލެޓްތައް ނިންމަންދާ ހަރަދުތައް ކުރުމަށް ފިނިޝިން ލޯން ވެސް އޭރުގެ އެޗްޑީސީ (މިހާރުގެ އާބަންކޯ)އިން ނަގާ ގޮތަށް ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެހެން ނިންމާފައިވީ ނަމަވެސް މި ސަރުކާރުން އައިސް އެ ލޯނު ދޫކޮށްލާ ރައްޔިތުންނާ ހަވާލު ކުރީ ހަތަރު ފާރު ކަމަށެވެ. އަދި އެހެން އެކަން ކުރުމުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ކަމަށާއި ރައްޔިތުންނަށް ޖެހުނީ ބޮޑެތި ލޯނުތައް ނަގައި ތަން ނިންމަން ކަމަށެވެ.

އެހެން ކަމުން ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އެވްރެޖް ގޮތެއްގައި ކޮންމެ ރައްޔިތެއްގެ އަތުން ހަރަދުވި ފައިސާގެ އަގު ބެލުމަށްފަހު ވަކި އަދަދެއް ކަނޑައަޅައި އެ އަދަދަށް އާބަންކޯއިން ލޯނު ނަގައި ފައިސާ އަނބުރާ ލިބޭ ގޮތް ހަމަޖައްސަ އިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެންމެ މި ޒަމާނުގެ ފެންވަރަށް ހަދާފައި ހުރި ފްލެޓްތަކުގެ އަގު އެއްކޮށް ކަވާ ނުވި ކަމުގައިވިޔަސް، އެވްރެޖް އަގެއް ކަނޑައަޅައި އެ އަގު ފްލެޓްގެ ކުލިން ކަނޑާދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އެވްރެޖްކޮށް ބަލާނަމަ ފްލެޓްއަކަށް ޖެހެނީ 2 ލައްކަ ރުފިޔާ ކަމަށެވެ. އަދި ކުރިން ވައުދުވެވަޑައިގެންފާވާ ގޮތަށް ކޮންމެ ޓަވަރެއްގައި ވެސް އިތުރު ލިފްޓެއް ބަހައްޓައިދޭނެ ކަމަށާއި ސޯޝަލް ހައުސިން އެއްވެސް ސްކީމެއްގެ ދަށުން ދައްކަން ޖެހިފައިވާ އަގު ދެއްކުމުގައި ދައްޗެއް ކުރިމަތިވެ އެ އަގު ދެއްކުން ލަސްވެގެން އަރާފަހުރި ޖޫރިމަނާތައް އެއްކޮށް މާފުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ.