ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް މަސައްކަތް ފަށައި 17 ދުވަހުގެ ތެރޭގައި ނަތީޖާ އަނބުރާލައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް ގެނެސްދިނުމަށް ކުރި މަސައްކަތްތަކަކީ ގައުމަށްޓަކައި އަދި ރައްޔިތުންނަށްޓަކައި ކުރި މަސައްކަތެއް ކަމަށެވެ. އަނިޔާވެރި ކަމަކަށް އެނބުރި ދާން ބޭނުން ނުވާތީ އެ އަޒުމުގައި ކުރި މަސައްކަތުގައި ދެވަނަ ބުރަކާ ހަމައަށް އާދެވިފައިވާ ކަމަށާއި ދެ މަސް ދުވަހުގެ ބުރަ މަސައްކަތަށް ފަހުގައި ވެސް އެ މަސައްކަތުގައި އުޅުނު މީހުންގެ މޫނުމަތިން ވަރުބަލިކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ބޭނުންވި ނަތީޖާ ނުލިބުމުން މާޔޫސްވުމަކީ އިންސާނީ ތޮބީއީ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. 9 ޖުލައިގައި ފެށި މަސައްކަތުންނާއި ކުރި ބުރަ މަސައްކަތުގައި ނަތީޖާ ނުކުތީ އުންމީދު ކުރި ގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ފަހަރު އެހެން ވެދާނެ ކަމަށާއި މިފަދަ އެތައް ތަޖުރިބާ އެއް މީގެ ކުރިން ވެސް ކޮށްފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ފަހަރު ކާމިޔާބު ވާނެ ކަމަށާއި އަނެއްބައި ފަހަރު ނާކާމިޔާބުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީއަކީ ނާކާމިޔާބުގައި ވެސް މަސައްކަތް ކޮށްފައި ތިބި ބައެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި އިންތިހާބުގެ ދެވަނަ ދައުރަކަށް ނިކުމެވަޑައިގަންނަވަނީ މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރުމަށް ކަމަށެވެ.

ފުރަތަމަ ބުރު ނިމުމުން ދިރާސާތަކެއް ކޮށްފައިވާ ކަނަް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރަނގަޅު ކުރަންވީ ކަންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ބަދަލު ކުރަންޖެހޭ ކަންކަން ދެނެގަނެގެން މި ނިކުންނަކީ ފަހަތަށް ނުޖެހި ކުރިއަށް ވަޑައިގަތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރައްޔިތެއްގެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް ކަމަށާއި މާޔޫސްކަން ފަހަތަށް ދުއްވާލައި މަސައްކަތް ކޮށް ނަތީޖާ ބަދަލު ކޮށްލަން 50 ޕަސެންޓާ އެކު ބޭނުން ވަނީ އިތުރު އެންމެ ވޯޓެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ،

މި އިންތިހާބުގައި ބައިލައްކައެއްހާ މީހުން ވޯޓު ނުލައި އޮތުމާ އެކު ވޯޓު ލީ މީހުންގެ ޕަސެންޓް 80 އަށް ވެސް ނާރާ ކަމަށް ރައީސް ވިދާޅުވިއެވެ. ތާރީހުގައި ވެސް ނުފެންނަ ވަރަށް މަދުން ވޯޓު ލާފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ގެނެސްފައިވާ ބަދަލުތަކާއެކުގައި މިރެއިން މިރެއަށް ކެމްޕެއިން ހަރަކާތްތައް ފައްޓާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތީ ވަރަށް އުންމީދީ ދުވަހެއް ކަމަށާއި ބޮޑުކޯށް މަސައްކަތް ކުރުމުން ކާމިޔާޞީ ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވޭތުވެދިޔަ 2 މަސްދުވަހު އަމިއްލަ އެއްވެސް ކަމަކަށް ބެލުމެއްނެތި އެމްޑީޕީއަށް މަަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ރައީސްގެ ރަނިންމޭޓް މުހައްމަދު އަސްލަމް އާއި ގުޅިފައިވާ ޕާޓީތައް، އަދާލަތު ޕާޓީއާއި އެމްޑީއެގެ ނަމުގައި ހާއްސަ ޝުކުރެއް ރައީސް ވަނީ އަދާ ކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

ސޯލިހާއި މުއިއްޒުގެ ފަރާތުން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައި ވީ ނަމަވެސް އަދި ރަސްމީކޮށް ކުރިއަށް ދިޔަ އެއްވެސް މަޝްވަރާއަކާ ގުޅިގެން އެ ދެ ޕާޓީން ވެސް މީޑިއާއަށް މައުލޫމާތު ދީފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރަށް މިމަހުގެ 11 ވަނަ ދުވަހު މުއިއްޒު ކެމްޕެއިން ފައްޓަވާފައިވާ އިރު، ރައީސް ސޯލިހްގެ ކެމްޕެއިން ފައްޓަވާ ކަމަށް މިރޭ މި ވަނީ އިއުލާން ކުރައްވާފައެވެ.