މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އާއި ގއ. ވިލިނގިލީގައި އިމާރާތް ކުރަމުންދާ ރޯހައުސަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ސަރުކާރުން މި ސްކީމް ހުޅުވާލާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ. ހއ. ދިއްދޫގައި 50 ރޯހައުސް އަޅާ އިރު ގއ. ވިލިނގިލީގައި އަޅަނީ 75 ރޯހައުސް އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސް އާއި ހއ. ދިއްދޫގައި އިމާރާތްކުރާ 75 ރޯހައުސް އަށް އެދި "ގެދޮރޮވެރިން ޕޯޓަލް" މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިއަލަށް ފޯމް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، ކިޔުގައި ނުޖެހި ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހައުސިން މިނިސްޓްރީން ހަދާފައިވާ ޕްލެޓްފޯމް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ. އެހެންކަމުން އެ ޕޯޓަލް އަށް ލޮގިން ކުރުމަށް ފަހު ފޯމް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.

ދިއްދޫ އިން ހައުސިން ޔުނިޓަށް ފޯމް ހުށަހަޅަން ހުޅުވާލާފައިވާ އިރު ދެ ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެއީ ދިއްދޫ ރައްޔިތުންނަށް ހާއްސަ ކެޓަގަރީ އާއި ދިއްދޫ ފިޔަވައި އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއެވެ. ނަމަވެސް ގއ. ވިލިނގިލިން ރޯހައުސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ރޯހައުސް އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:

  • ރާއްޖޭގެ އެއްވެސް ރަށެއްގައި ހުށަހަޅާ ފަރާތަށް ލިބިފައި ނުވަތަ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ނެތުން، އަދި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އޮތްނަމަ އެފަދައިން އޮތް ތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން މިފަދައިން ދޫކޮށްލާ ތަނަކީ މާލީ އިދާރާއެއްގައި ރަހުނު ކުރެވިފައިވާ ތަނަކަށް ވެގެން ނުވާނެ
  • ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތުގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނުވަތަ ލިބިފައި ނެތުން. ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއް ގައި ސޮއިކޮށްފައި ނެތުން. އަދި ކުރިން ބަޔާންކުރި ފަދަ ތަނެއް އޮތްނަމަ މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން
  • ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން
  • ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ހައުސިން ޔުނިޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ އެ ތަން އެހެންފަރާތަކަށް ދީ ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 5 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން

މި އުސޫލުގެ ދަށުން ދޫކުރާ ރޯހައުސް ތަކަކީ 3 ކޮޓަރީގައި 3 ފާހާނ،ާ ބަދިގެ އަދި ސިޓިންރޫމް ހިމެނޭގޮތަށް 2 ބުރިއަށް އިމާރާތް ކުރާ ރޯހައުސްތަކެކެވެ. ރޯހައުސް ލިބޭ ފަރާތްތަކުން އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ.