ހުޅުމާލެ ލިންކް ރޯޑުގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ވަކި ވަގުތުތަކުގައި ހުޅުމާލެ ލިންކް ރޯޑުގެ އެއް ލޭނުން ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނީ، ލިންކް ރޯޑްގެ ބައެއް ސަރަހައްދުތައް ބަންދުވި ނަމަވެސް އާއްމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، ސޯލާ ޕީވީ ނިޒާމުގެ މަސައްކަތަށް ލިންކް ރޯޑުގެ އެއް ލޭން އަދި ބޯށިމާހިނގުމުގެ ސަރަހައްދެއް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:30 އަށް ކަމަށެވެ. މިނިސްޓްރީން ވަނީ އެވަގުތު ތަކުގައި ލިންކު ރޯޑުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ މި މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މިނިސްޓްރީން ބުނީ، މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާ ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.