ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އާ އެކު އެއްގަލަކަށް އަރަން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ގޮވާލެއްވުމުން، ދެން އެކަން ވާން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީ އާ އެއް ފިކުރެއްގައި ތިބި ރައްޔިތުންގެ ވޯޓު ކަމަށެވެ. އެހެންކަމުން އެ ފިކުރު އެއްކޮށްފައި [އެމްޑީޕީއާއި ޑިމޮކްރެޓްސް] ބޭއްވުން މުހިއްމުކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން ކަމަށާ، އެހެންނަމަވެސް މަޝްވަރާ ކޮށްގެން އެކަން ހައްލުކުރެވެން އެބައޮތް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހް އެއްބުރުން އިންތިހާބުކުރުމަށް އެންމެން އެއަގަލަކަށް އަރަން ޖާބިރު ވަނީ ގޮވާލައްވާފައެވެ.

ޖާބިރުގެ މި ވާހަކައަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދެން އެކަން އެގޮތަށް ވާން ނެތްކަމަށެވެ. އެއީ އެމްޑީޕީ އާ އެކު ދެވަނަ ބުރުގައި ކޯލިޝަން ނުހައްދަވާނެކަމުގެ އިޝާރާތެކެވެ.

"އަޅުގަނޑު އެބަޖެހޭ ފާހަގަކޮށްދޭން. ދެނެއް އެކަން އެގޮތަށް ވާކަށް ނެތް"
ރައީސް ނަޝީދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރައީސް ސޯލިހް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ބުރަށް ގޮސްފައި ވާއިރު ދެ ޕާޓީންވެސް އަންނަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު ނަޝީދު އެހެން ވިދާޅުވި އިރު ރޭ އިންޑިއާ ހައިކޮމިޝަނަރާ ބައްދަލު ކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ވިދާޅުވީ، 2 ފަރާތަކާއެކު ކޯލިޝަން މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހިމެނޭ ކަމަށެވެ.

ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ޑިމޮކްރެޓުން އަދި ނިންމާފައި ނުވާ އިރު އެ ޕާޓީގެ އިންޓަރިމް ކައުންސިލް ބައްދަލުވުމެއް މިއަދުގެ މެންދުރު ފަހު 3:00 އަށް ވަނީ ތާވަލު ކޮށްފައެވެ. އެ ބައްދަލުވުން އޮންނާނީ ޑިމޮކްރެޓްސް ގެ ހަރުގޭގައެވެ.

ދެވަނަ ބުރުގައި ޑިމޮކްރެޓުން ކުރިއަށް ދާން ނިންމާ ގޮތަކީ، އެންމެ މަތިން ވޯޓު ހޯއްދެވި 2 ކެންޑިޑޭޓުންނަށް ވެސް މުހިންމު ނިންމުމަކަށް ވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު މީގެ ކުރިން ވިދާޅުވެފައި ވަނީ ދެވަނަ ބުރުގައި 'ދަ ޑިމޮކްރެޓްސް' އިން ތާއީދު ކުރާނީ ކޮން ބަޔަކަށް ކަން ނިންމާނީ ސަޕޯޓަރުންނާއި ޕާޓީގެ ކައުންސިލާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ، ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން މީހުންނާ ބައްދަލުވުމުން، ތިންވަނަ ލިބިވަޑައިގެންފި ނަމަ ހައްދަވާނެ ގޮތަކާ މެދު އޭނާ އާ ބައްދަލުވާ މީހުން ސުވާލުކުރާ ކަމަށެވެ.