ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު އިތުރުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ޔާމީންގެ މެސެޖެއް ހިއްސާކުރައްވަމުން އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ޔާމީން ހުރިހާ ރައްޔިތުންނަށް ވެސް ވެދުން ފޮނުއްވެވި ކަމަށާއި މުއިއްޒަށް އިތުރު ތާއީދު ދެއްވާ، ހިތްވަރު ކުރައްވާ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ 101635 ވޯޓު ހޯއްދަވާފައެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަރުން 46.06 ޕަސެންޓެވެ. މި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ 86161 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.

މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓުލިބިފައި ނުވާއިރު، އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ތައްޔާރުވާން ފަށާފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.