ވޯޓު ފޮށިތައް ކައިރީގައި ހިންގަމުން އަންނަ ގަވާއިދާ ހިލާފު އެންމެހާ ކަންކަން ހުއްޓުވާދިނުމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިލެކްޝަން ކޮމިޝަން (އީސީ) އަށް ގޮވާލައިފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތުގައި ވޯޓު ފޮށިތައް ކައިރީގައި ގަވައިދާ ހިލާފަށް ބައެއް ކަންކަން ކުރަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ދެއްކުމާއި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ފޮޓޯ އާއި ވީޑިއޯ ނެގުންފަދަ ގަވާއިދާ ހިލާފް ކަންކަން ބައެއް ފަރާތްތަކުން ކުރަމުންދާ ކަަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އަދި އެއީ ބަލައިގެނެވޭނެ ކަމެއް ނޫން ކަން ފާހަގަ ކުރަމުން ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ސުލްހަވެރިކަމާއި އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކޮށްދީ އެކަން ކަށަވަރުކޮށްދެއްވުމަށް އީސީއަށް ގޮވާލާ ކަަމަށެވެ. އަދި ގާނޫނާ ގަވާއިދާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ޕީޕީއެމް މިގޮތަށް އީސީއަށް ގޮވާލާފައިވާއިރު ބ.ތުޅާދޫގައި ގަލަމެއްގައި ހަރުކޮށްފައިވާ ކެމެރާއަކުން، ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުންވެސް ވޯޓުލާ މަރުކަޒުގެ 2 ވޯޓު ފޮށީގެ 2 އޮފިޝަލަކު އިގުރާރާ ހިލާފްވި ކަމަށް ބުނެ އއ. ރަސްދޫގައި ހަމަނުޖެހުން ހިންގާ ވޯޓު ލުން މެދު ކެނޑުމަށްފަހު އިގްރާރާ ހިލާފުވި 2 އޮފިޝަލުންގެ ބަދަލުގައި އެހެން 2 އޮފިޝަލަކު ހަމަޖައްސަައިގެން އަނެއްކާ ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.

ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 އަށެވެ. މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.